ހއ. ދިއްދޫ ބޮޑު މަގު ހަދަން ހުރަސްއެޅި ކަމުގެ ތުހުމަތުގައި އެމްޑީޕީ އެކްޓިވިސްޓް އަލީ ހާޝިމް(ސްމިތް) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސްމިތް ހައްޔަރުކޮށްފައިވަނީ ހުރަސް އެޅިޔަސް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ތަރައްގީއަށް ހުރަސް އަޅާ ނަމަ އެއްކާރިކުރާނެ ކަމަށް ރޭ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.
މުއިއްޒު ވިދާޅުވެފައިވަނީ ދިއްދޫ މަގުގެ ތާރު އެޅުމަށް އިދިކޮޅުން ހުރަސް އަޅާ ނަމަ ފުލުހުންނާއި އެލްޖީއޭގެ އެހީތެރި ކަމާއެކު އިދިކޮޅު ފަރާތްތަކުން އެއްކާރި ކުރުމަށް ފަހު މަސައްކަތް ކުރާނެ ކަމަށެވެ.
ދިއްދޫގައި 4.5 ކިލޯމީޓަރަށް ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާއިރު އެ ރަށު ރައްޔިތުން ވަނީ މަސައްކަތް ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން މަގު މެދުގައި ހަ ފޫޓުގެ ޑިވައިޑާއެއް ހަދާތީ ރައްޔިތުން ވަނީ މަގުގައި ދަތުރުކުރަން އޮންނާނީ ކުޑަ ޖާގައެއް ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ.
ސަރުކާރުން ދިއްދޫ މަގުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްއާރްޑީސީ އާއެވެ. ސްމިތް ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ. ނަމަވެސް ފުލުހުންގެ ބަހެއް އަދި އެކަމާ ގުޅިގެން ލިބިފައެއް ނުވެއެވެ.