އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފިއެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭގޮތަށް ހަމަޖެއްސީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިފި ޙާލަތެއްގައި، އެމީހާގެ މައްޗަށް ނިހާއީ ޙުކުމެއް ކަނޑައެޅެންދެން މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ކޮމިޝަނަށް އަންގަވާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއައި ރިޝްވަތުގައި ހިފުމުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަމުންދާ އިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރަމުންނެވެ.
ޓެރަރިޒަމުގެ ދައުވާއާއި ގުޅިގެން ދެ ބޭފުޅުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނާ މެދު އަމަލު ކުރަމުންދަނީ ޤާނޫނާ ހިލާފަށް ކަމަސް ބުނެ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފައެވެ.