އިތިއޯޕިއާގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޑޮކްޓަރ އަބީ އަޙްމަދު ޢަލީއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިތިއޯޕިއާގެ އާ ބޮޑުވަޒީރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ޑޮކްޓަރ އަބީ އަޙްމަދު ޢަލީއަށް މަރުޙަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
މީގެ އިތުރުން އާ ބޮޑުވަޒީރުގެ ޒަޢާމަތުގައި އިތިއޯޕިއާ، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި، އާހަރުފަތަކަށް ގެންގޮސްދެއްވައި، އެމަނިކުފާނުގެ އިރުޝާދާއެކު އެޤައުމުގެ ރައްޔިތުންނަށް އުފާފާގަތިކަމާއި، ކުރިއެރުމާއި، ކާމިޔާބީ ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އަދި ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމަށްވެސް އާއްމުކޮށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގައި، އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.