Last Updated: June 27, 09:51
Saturday, June 27, 2026
ޚަބަރު

ހުސައިނަށް އަނިޔާ ކުރި މައްސަލަ ބަލަން ފަށައިފި

ފޮޓޯ: ރާއްޖެއެމްވީ

ފެބުރުއަރީ 16 ވަނަ ދުވަހުުގެ މުޒާހަރާ ގެނެސް ދިނުމުގައި ޙަރަކާތްތެރިވި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން އަށް ފުލުހުން އަނިޔާކުރި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.

އެގޮތުން އެންއައިސީ އިން ވަނީ މިއަދު އެ އިދާރާއަށް ހުސައިން ހާޒިރުކޮށް އޭނާއަށް ލިބިފައި ހުރި އަނިޔާތައް ބަލައި ފޮޓޯ ނަގާފައެވެ.

"ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި ހުސެއިިން ހައްޔަރުކޮަށް ފުލުހުން އަނިޔާކުރި މައްސަލަ ރާއްޖެޓީވީން އެ ކޮމިޝަނަށް ހުށައެޅުމުން އޭގެ ދޮޅުމަސްފަހުން ހުސެއިން އާއި ރާއްޖެޓީވީގެ ވަކީލާއި އެކު އެ ކޮމިޝަނަށް ހާޒިރުވާން އެންގީ ހޯމަ ދުވަހުއެވެ. އަދި ހާޒިރު ވުމުން ވަކީލުގެ ހާޒިރުގައި ބަޔާން ނަގައި ހުސެއިންގެ ހަށިގަނޑުގެ ބައެއް ތަންތަނުގެ ފޮޓޯ ވަނީ ކޮމިޝަނުން ނަގާފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކުރެ އެވެ.

އެދުވަހުގެ އެ އޮޕަރޭޝަނުގައި ޙަރަކާތްތެރިވި ފުލުހުން ހޯދައި ދިނުމަށް ރާއްޖެޓީވީގެ ފަރާތުން ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވަނީ އެންއައިސީގައި އެދިފައެވެ.

ރާއްޖެ ޓީވީގެ ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި މީގެ ކުރިން އެޗްއާރްސީއެމުން ހުސައިންގެ ބަޔާން ނަގާފައިވާއިރު، އާދިއްތަ ދުވަހު ބައެއް ކަންކަން އިތުރަށް އޮޅުން ފިލުވާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅޭ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ވެސް އެޗްއާރްސީއެމްއާއި ހިއްސާކޮށްފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ.

އެޗްއާރްސީއެމް އިން ހުސައިންގެ ބަޔާން ފުރަތަމަ ނަގާފައިވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާދެމުންދަނިކޮށެވެ.

ހުސައިން ހައްޔަރުކުރިއިރު، އޭނާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނާ މައްސަލަ ވެސް ތަހުޤީޤުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުންޏެވެ. މި މައްސަލައިގެ ތަހުޤީޤަށް، މުޒާހަރާ ކޮންޓްރޯލް ކުރުމަށް ނެރެފައިވާ ހުރިހާ ފުލުހުންގެ މައުލޫމާތު ހޯދާފައިވާ ކަމަށް ވެސް އެޗްއާރުސީއެމް އިން ބުނެ އެވެ.

ހައްޔަރުކުރުމަށް ފަހު ފުލުހުން ހުސައިން ދިން އަނިޔާތަކާ ގުޅިގެން އޭޑީކޭއިން ފަރުވާ ހޯދުމަށް ފަހު، ލަންކާއިން ވެސް ފަރުވާ ހޯދާފައިވެ އެވެ.