ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކުރުމަކީ އެ ބޭފުޅުންނަށް ދޭ އަނިޔާއެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ގުޅިފައވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ވަކި މީހަކަށް "ޓާގެޓް" ކުރުމުގެ ގޮތުން ކަންކަން ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، މަޤާމެއްގައި މީހަކު ދެމި ހުރިހާ ހިނދަކު، އެ މީހަކަށް މުސާރަ އާއި އިނާޔަތްތައް ލިބެން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށެވެ. ޖޭއެސްސީ އިން ވެސް މި މައްސަލާގައި ރިއާޔަތްކޮށްފައިވަނީ ފަނޑިޔާރުންގެ ޤަނޫނަށް ގެނައި އިސްލާހަށެވެ.
ގާނޫނަށް ބަދަލު ގެނައީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށްލުމަށް ފަހުގައި ކަމުން މިއީ އެ ބޭފުޅުންގެ މައްޗަށް ޢަމަލު ކުރެވެން ޖެހޭނެ ގާނޫނެއް ނޫން ކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ހަދާލާ ގާނޫނަކުން އެ ބޭފުޅުންގެ މުސާރަ ސަސްޕެންޑް ކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެއީ ޤަބޫލުކުރާ އިންސާފުވެރި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ މެމްބަރުން ތިއްބަވާއިރު، އާއިލާގެ މެމްބަރުން ކުރަން ޖެހޭ ޚަރަދުތަކެއް ހުންނާނެ ކަމަށާއި، ފަނޑިޔާރުން ވަޒީފާ އިން ވަކިކުރުމެއް ނެތި މުސާރަ ނުދޭ ގޮތަށް ސަސްޕެންޑް ކުރުމަކީ އެ ބޭފުޅުންނަށް ދެވޭ އަނިޔާއެއް ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށާއި، ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކައިފިނަމަ، ޖަލުގެ ކުޑަ ގޮޅި ނުވަތަ ފުލުހުންގެ މުގުރާއި ޕެޕާ ސްޕްރޭ އިން ރައްޔިތުންނަށް އަނިޔާ ކުރަމުންދާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ. އެކަމަކު، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނަމަ، އެ ވާހަކަ ދެއްކުން ނުހުއްޓޭނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
ޖުޑިޝަރީން ވެސް ތެދުވެ، މަސައްކަތް ކުރަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވަމުން އަލީ ވިދާޅުވީ އެންމެ ބޮޑު ކާމިޔާބަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުން ކަމަށެވެ.
ގިނަ އަދަދެއްގެ އިދިކޮޅު ސިޔާސީ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި މައްސަލައާއި ގުޅޭގޮތުން އަލީ ވިދާޅުވީ އެބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ޓެރަރިސްޓުންނަށް ވެގެން ނޫން ކަމަށާއި އެބޭފުޅުންގެ މައްޗަށް ކުރެވިފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ.
އަލީ ސިފަ ކުރެއްވި ގޮތުގައި މިއީ ރައްޔިތުންނަށް ބިރު ދެއްކުމުގެ ބޭނުމުގައި ކުރާ ދައުވާތަކެކެވެ. އެކަމަކު، ކިތަންމެ ބައެއްގެ މައްޗަށް ދައުވާ ކުރިޔަސް، އިސްލާހީ މަސައްކަތުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކުރިން ސަސްޕެންޝަންގައި ތިއްބެވީ މުސާރަ ލިބޭ ގޮތަށެވެ.
އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 73،000ރ. ލިބޭއިރު ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މަހަކު 71،000ރ. ލިބެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއައި ރިޝްވަތުގައި ހިފުމުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަމުންދާ އިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރަމުންނެވެ.
ޓެރަރިޒަމުގެ ދައުވާއާއި ގުޅިގެން ދެ ބޭފުޅުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނާ މެދު އަމަލު ކުރަމުންދަނީ ޤާނޫނާ ހިލާފަށް ކަމަސް ބުނެ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފައެވެ.