Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ޙަލާލް މެނޭޖްމަންޓް ކޮންފަރެންސެއް ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ އާއި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސް އާއި ގުޅިގެން އިންޓަރނޭޝަނަލް ޙަލާލް މެނޭޖްމެންޓު ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ގައުމީ ޔުނިވަރސިޓީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ. އަދި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ޑީން ޕޮރްފެސަރ އާމިރު ޝަހަރުއްދީން ކަމަށްވާއިރު މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އިބްރާހިމް ދީދިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިކޮންފަރެންސް އޮންނާނީ މިއަހަރު ޖުލައި 17 އިން 18 އަށް މާލޭގައެވެ.

ގައުމީ ޔުނިވާސިޓީ އިން ބުނީ "ސަސްޓެއިނިންގ ގުލޯބަލް ޙަލާލް އީކޯސިސްޓަމް" ގެދަށުން ބާއްވާ މި ކޮންފަރެންސުން ޢިލްމީ ދިރާސާތަށް ހުށަހަޅައި ދުނިޔޭގެ ކުންފުނިތަކުން ޙަލާލްގެ މިންގަޑުތައް ބޭނުންކުރާ ގޮތުގެ މަޢުލޫމާތު ލިބިގެންދާނެ ކަމަށެވެ.

އެމްއެންޔޫ އިން ބުނާ ގޮތުގައި ދުނިޔޭގައި "ޙަލާލް ކޮންސެޕްޓު"ގެ އުފެންދުންތަކަށް 2.77 ޓްރިލިއަން ޑޮލަރުގެ މާރކެޓެއް އޮންނައިރު މިފަދަ މާރކެޓަކަށް ވިޔަފާރިތަށް އަހުލުވެރި ކުރެވިދާނެ ދިރާސާތައް ހުށަހަޅައިދޭނެ މުހިންމު ކޮންފަރެންސަކަށް މި ކޮންފަރެންސް ވެގެންދާނެ އެވެ.

މީގެ އިތުރުން އެމްއެންޔޫ އިން ބުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ރިސާޗަށް ޙާއްސަ އަހައްމިއްޔަތުކަމެއް ދީގެން ފަންނީ ޢިލްމީ ދިރާސާތައްކޮށް، އަދި ކުރަމުންދާ ޔުނިވަރސިޓީއަކަށް ވެފައި މިފަދަ ކޮންފަރެންސަކީ ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ މި ރޮގުން ޙާސިލްކުރެވޭނެ ޙާއްސަ ކޮންފަރެންސަކަށް ވާނެ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ އެންމެ ގިނަ ދާއިރާތަކުން ތަޢުލީމު ހާސިލްކުރެވެން ހުރި ހަމައެކަނި ޔުނިވަރސިޓީ އަށް ވާއިރު ދުނިޔޭގައި ބާރަށް ކުރިއަރަމުން އަންނަ ޙަލާލް ކޮންސެޕްޓު ޢިލްމީ ދިރާސާތަކުން އެނގި ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގައި ޙަލާލް ކޮންސެޕްޓް ގެންގުޅެވިދާނެ ގޮތްތައް މި ކޮންފަރެންސް މެދުވެރިކޮށް މުދައްރިސުންނަށާއި ދަރިވަރުންނަށް އެނގިގެން ދާނެއެވެ.