ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ ކޮލެޖު ކަމުގައިވާ ވިލާ ކޮލެޖުން ހިންގި ކޯސްތަކުން 487 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ވިލާ ކޮލެޖްގެ މިއަހަރުގެ ދަސްވެނިވުމުގެ ޙަފްލާތައް ކުރިއަށްގެންގޮސްފައި ވަނީ ހެނދުނާއި މެންދުރު ފަހުގެ ދަންފަޅިއަށް ބަހާލައިގެންނެވެ. ދަސްވެނިވި ދަރިވަރުންގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާ (އޯޔޫއެމް)ގެ ކޯސްތައް ނިންމި ދަރިވަރުން ހިމެނެއެވެ.
އެގޮތުން ހެނދުރު ބޭއްވި ޙަފްލާގައި އޯޔޫއެމްގެ ކޯސްތައް ނިންމައި 334 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. އެއީ 298 އަންޑަގްރެޖުއޭޓާއި 36 ޕޯސްޓްގްރެޖުއޭޓެވެ. އަދި ދަސްވެނިވި ދަރިވަރުންގެ 58 ޕަސެންޓް ހިއްސާކުރަނީ އަންހެނުން ކަމަށް ވެސް ވިލާ އިން ބުންޏެވެ.
މެންދުރު ފަހު ބޭއްވި ޙަފްލާގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން 153 ދަރިވަރުން ވަނީ ދަސްވެނިވެފަ އެެވެ. އޭގެ އިތުރުން، އެ ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި 16 ދަރިވަރަކަށް ވަނީ އެ ކޮލެޖުގެ ޗެއާމަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެވޯޑު ދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެ ކޮލެޖުން މަސައްކަތް ކުރަމުން އަންނަނީ އެންމެ ފެންވަރު ރަނގަޅު މަތީ ތައުލީމް، އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން 2007 ވަނަ އަހަރު ހުޅުވި ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ކޮލެޖުން އެތައް ދަރިވަރުންނެއް، ޤައުމަށް ބޭނުންތެރި ދާއިރާތަކުން ދަސްވެނިވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ވިލާ ކޮލެޖްގެ ކެމްޕަސްތަކާއި ލާނިން ސެންޓަރުތަކުގެ އެހީގައި މިވަނީ އިނގިރޭސިވިލާތާއި މެލޭޝިޔާގެ ޕްރޮގްރާމް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެވިފައިވާ ކަމަށާއި އެކަންތަކަށް މަގުފަހިވެގެން ދަނީ، ވިސްނުންތޫނު، ޤާބިލް ލެކްޗަރާއިންގެ ސަބަބުން ކަމަށްވެސް އަންވަރު ވިދާޅުވި އެވެ.