Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

އިލްޔާސް އާއި ރިޔާޒް ކޮމެޓީ ތެރޭގައި ވަގަށް ގޮވައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އެކަކު އަނެކަކަށް "ވަގަށް" ގޮވައި ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީގައި ޒުވާބުކޮށްފި އެވެ.

އިލްޔާސް އާއި ރިޔާޒް ޒުވާބުކޮށްފައި ވަނީ ސަރުކާރުން ނަގަން ނިންމާފައިވާ ލޯނުތަކަށް މާލިއްޔަތު ކޮމިޓީން ހުއްދަ ދިނުމުގެ ބަހުސްގައެވެ. އަދި އެދެ މެމްބަރުންގެ ޒުވާބު ހޫނުވެގެން ކޮމެޓީގެ ބައްދަލުވުން ވަނީ 10:30 ގައި ނިންމާލާފައެވެ.

މިއަދުގެ ބަހުސް ހޫނު ވާން ދިމާވީ 17 ވަނަ ށަކް ސަމިޓާއި ގުޅިގެން އައްޑޫގައި ހިންގި ޕްރޮޖެކްޓް ތަކުގައި އިލްޔާސް އާއި އޭނާގެ ބޭބެ އަހްމަދު ޒަރީރު އެސްޔޫއެލްގެ ފައިސާ ނާޖާއިޒް ގޮތެއްގައި ބޭނުން ކުރިކަމަށް ތުހުމަތުކޮށް ރިޔާޒް ވާހަކަ ދެއްކުމުންނެވެ.

ރިޔާޒު ވިދާޅުވީ އައްޑު އަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށްޓަކައި އެސްޔޫއެލް އާއި ބައިވޯޓާއާ ދެމެދު ކުރެވުނު އެއްބަސްވުމަކީ ވެސް އިލްޔާސް ލަބީބުގެ ބޭބެ އާއި އާއިލާ އަށް ފައިސާ ހޯދައިދިނުމަށް ކުރި ކަމެއް ކަމަށާއި އެކަމަށް ސަރުކާރުން ހަރަދުކުރި 15 މިލިއަން ރުފިޔާ އަކީ ވެސް އިލްޔާސް ލަބީބުގެ އާއިލާ އަށް ފައިދާ ހޯދައިދޭން ސަރުކާރުން ކުރި ހޭދައެއް ކަމަށެވެ. އަދި އެކަންކަމުން ވައްކަންކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އެ ވާހަކަތައް ދެއްކެވުމުން އިލްޔާސް ލަބީބު، ރިޔާޒާ ދިމާއަށް "ތެޔޮ ވަގަށް" ގޮވި އެވެ. އެސްޓީއޯއިން ރިޔާޒު، 19 މިލިއަން ރުފިޔާގެ ތެޔޮ ވަގަށް ނަގާފައިވާ ކަމަށާއި ރިޔާޒުގެ ތެޔޮ ކުންފުނި، މެރީޑިއަމްގެ ޕެޓިރޯލް ޝެޑް ހުރި ބިމަކީ ވެސް ނުއަގުގައި ހޯދައިފައިވާ ބިމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއަކީ ދިވެހި ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށާއި އެތަނުން ރިޔާޒު ނަގާފައިވާ ތެލަށް ވާ "19 މިލިއަން ރުފިޔާ ހޯދާނަން" ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ. އަދި އެގެ ލިޔުންތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ މެމްބަރުންގެ ޒުވާބު ހޫނުވާން ފެށުމާ އެކު، އެ ޒުވާބު މައިތިރުކުރުމަށް ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމު މަސައްކަތް ކުރެއްވި އެވެ. އަދި ޒުވާބުނުކޮށް، ކޮމިޓީގެ އާންމު ނިޒާމަށް ރުޖޫއަވުމަށް ދެ މެމްބަރުންނަށް ވެސް ދެންނެވި އެވެ. ނަމަވެސް ޒުވާބު ހުއްޓާނުލުމުން، ކޮމިޓީގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ނާޒިމު ކޮމިޓީގެ ބައްދަލުވުން ނިންމާލެއްވި އެވެ.