Last Updated: April 24, 06:02
Wednesday, April 24, 2024
ރިޕޯޓް

ޖަލުގައި އަނިޔާ ކުރުމުގެ ސަގާފަތާއި އަހަރެމެން

އަނިޔާކުރުމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ސަގާފަތަށް އާކަމެއް ނޫނެވެ. ވިލިގިލީ ޖަލާއި ހެންވޭރު ޖަލު އަދި ބަނޑޭރިގޭ އަށިގޭގައި ކުރެވުނު އަނިޔާތަކުގެ ވާހަކަ ދިވެހި ތާރީޚުގައި ވަރަށް ތަފްސީލުކޮށް ބަޔާންވެގެންވެއެވެ. އަނިޔާކުރުމުގެ ސަގާފަތަށް ނޫނެކޭ ބުނެފައި ދިވެހިން މިތިބީ މީގެ ދިހަވަރަކަށް އަހަރު ކުރީން އާ ގާނޫނުއަސާސީއެއް ވުޖޫދަށް ގެނެސް ހެޔޮވެރިކަމަކަށް މަރުހަބާ ކިޔައިގެންނެވެ.

އެ ގާނޫނުއަސާސީ އާއި އޭގެ ދަށުން ބާރު ލިބިގެން ހަދާފައިވާ އާއްމު ގާނޫނުތަކާއި ގަވާއިދުތައް ބައްޓަން ކުރެވިފައި ވަނީ ހަމަކޮންމެ ހާލަތެއްގައިވެސް އިންސާނީ ކަރާމާތަށް އިހުތިރާމް ކުރުމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަގުސަދުގައެވެ. މިއަދުގެ ކުރިއަރާފައިވާ މުޖުތަމައުތަކާ ފައިހަމަކުރުމުގެ ގޮތުންނާއި ދިވެހިން ސޮއިކޮށްގެންތިބި ބައިނަލްއަގުވާމީ މުއާހަދާތަކަށް ތަބާވުމުގެ ގޮތުންވެސް މެއެވެ.

ނިޔަތަކީ މިއީ ކަމަށްވިޔަސް އަދި ދުސްތޫރުގައި ކޮންމެ އެއްޗެއް ލިޔެފައި އޮތަސް ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް އަނިޔާކުރުމާއި ވެރިކަމުގެ ހައިބަތުގެ ތެރޭގައި އަނިޔާކުރުން ހިމެނެން ޖެހޭކަމަށް ގަބޫލުކުރުން އަދިވެސް މިރާއްޖޭގައި ހަމަ ބާރަށް ހަރުލާފައިވާކަމުގެ ހެކިތައް މިއަދުވެސް ދަނީ ފެންނަމުންނެވެ. އަނިޔާކުރުމުގެ ސަގާފަތް ދިވެހިރާއްޖޭގެ ހަފޮޅުން ބޭރުކޮށްނުލެވޭ ކަމާއި އެސަގާފަތް ހަމަ ތާޒާކަމާއެކު އެބައޮތްކަން މިދަނީ ފެނި ހާމަވަމުންނެވެ. ހިތާމަހުއްޓެވެ. ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރާން އޮންނަ ކަމަކީ އަނިޔާކުރުން ކަމަށް ވެރިކަމުގައި ތިބޭ ބަޔަކު އެބަހީކުރެއެވެ. އަމީނާއި ނާސިރުގެ ޒަމާނެކޭ މިޒަމާނެކޭ ފަރަގެއް ނެތެވެ. ތަފާތުވީ ކަލަންޑަރުގައި އޮންނަ އަހަރެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލު ސިފައިން ކުރާ އަނިޔާ ފެނިފައި ސަހަރޯއޭ ބުނެފައި އަދި އިރާގުގެ އަބޫގުރައިބު ޖަލުގައި އެމެރިކާ ސިފައިން އިރާގުގެ ގައިދީންނަށް ހަދާލި ގޮތް ފެނިފައި ކަރުނައެޅި ބައެއް ދިވެހީންނަށް މި ދިވެހިރާއްޖޭގައި ހިނގަމުން މިދާ އަނިޔާ ނުފެނުމަކީވެސް ގަބޫލުކުރާން ޖެހިފައިވާ ހަގީގަތެކެވެ. ޚާއްސަކޮށް ވެރިކަމުގެ ފަރާތަށް ލެނބިފައިވާ މީހުންނަށް މި އަނިޔާތައް އަނިޔާއެއްގެ ގޮތުގައި ނުފެނެއެވެ. އަނިޔާކުރާ މީހުންނަށްވެސް މި ކުރެވެނީ އަނިޔާއެކޭ ހީ ނުކުރެވެއެވެ.

ހައްޔަރުކުރެވޭ މީހުންނާމެދު ތަންފީޒީ އިދާރާތަކުން އަމަލުކުރަން ޖެހޭނީ ގާނޫނު ހުއްދަކުރާ އިމުގެ ތެރޭގައެވެ. އެ އިމުން ބޭރުގައި ކުރެވޭ ކޮންމެ ކަމެއް ވާނީ އަނިޔާއަކަށެވެ. އަނިޔާކުރުމަށް ގާނޫނުތަކުން ޖާގައެއް ނުދެއެވެ. އެކަމަކު ސިޔާސީ ހަތުރުންނާމެދު މިއަދު އަމަލުކުރެވެމުން ދަނީ ގާނޫނުތައް ފަރުމާކުރެވިފައިވާ މަގުސަދާ މުޅިން ޚިލާފަށެވެ. ހައްޔަރުކުރެވޭ މީހުންނާމެދު އަމަލުކުރެވެމުން ދަނީ އެއްވެސް ހަމައެއް އުސޫލެއް ނެތި ހިތަށް އެރި ގޮތަކަށެވެ.

ބައެއްކަހަލަ ހާދިސާތަކުގެ ވާހަކަ އަޑު އިވުނީމާ ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު ނާޒީ ކޮންސެންޓްރޭޝަން ކޭމްޕުތަކުގައި ހިނގާފައިވާކަމަށް ތާރީޚުގައި ބަޔާން ކުރެވިފައިވާ ބައެއް ހާދިސާތަކުގެ މަތިން ހަނދާން އާވެގެންދެއެވެ. މި އިސްލާމީ ކުޑަކުޑަ މުޖުތަމައުގައި އަދި ހުޅުވާލެވިފައިވާ މިފަދަ ޒަމާނެއްގައި މިދިވެހި ފަސްގަޑުގައި ހިނގާފާނެ ކަމަށް ހިތަށްވެސް ނާރާ އެތައް ކަމެއްގެ ވާހަކަ ހަމަކޮންމެ ދުވަހަކު މިދަނީ އިވެމުންނެވެ.

ސާފު ބޯފެންފޮދަކަށް އެދުނީމާ ފުޅީގައި ހުރި ފެންތައް ބިންމައްޗަށް އޮއްސާލާފައި ހުސްފުޅި ދިނުން ވާނީ ކޮންކަހަލަ ކަމަކަށް ބާވައެވެ. މިޒާތުގެ މަންޒަރު ފެންނާނީ ފިލްމުތަކުންނެވެ. އަނިޔާވެރިކަމުގެ އިންތިހާއެވެ. އިންސާނީ ކަރާމާތާއި ހައްގުތަކަށް އިހުތިރާމް ނުކުރުމުގެ އިންތިހާއެވެ. އެކަމަކު މިއީވެސް ދިވެހިރާއްޖޭގައި ހިނގަމުންދާ ކަމެއްކަން ހާމަވެއްޖެވެ. ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއިމެދު މިބީދައިން އަމަލުކުރެވެމުން ދިޔަކަން ނަދީމުގެ ވަކީލުންގެ ބަޔާންތަކުން ދިވެހި ރައްޔިތުންނަށް ވަނީ ސާފުވެގެން ގޮސްފައެވެ.

ހަކުރުބައްޔަށް ފަރުވާ ހޯދަމުންދާ މީހެއްގެ ކާނާޔަށް ވީހާވެސް ގިނައިން ހަކުރުއަޅާފައި ދިނުން ވާނީ ކޮންކަހަލަ ކަމަކަށް ބާވައެވެ. ހަމަ ޔަގީނުންވެސް އެއީ މީހެއްގެ ފުރާނަޔާ ކުޅުމެކެވެ. ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދުގެ ވަކީލުންނާއި އާއިލާގެ ބަޔާންތަކުން ސާފުވެގެން ދިޔައީ އެމަނިކުފާނާއިމެދު އަމަލުކުރެވެމުން ދިޔައީ މިބީދައިންކަމެވެ. އެމަނިކުފާނަކީ ޑައިބެޓިކް ބޭފުޅެކެވެ.

ގައިދީއަކަށް ޚާއްސަ ކުރެވިފައިވާ ގޮޅި ދިރޭ ޖަނަވާރަކާއެކު ހިއްސާކުރަން މަޖުބޫރުކުރުމަކީ ކޮންކަހަލަ ކަމެއް ބާވައެވެ. ހަމަގައިމުވެސް އިންސާނީ ކަރާމާތުގެ ޒައްރެއްގެ މިންވަރުވެސް ހިތަށް ވަދެފައިވާ ބަޔަކަށް މިއީ ހަޖަމުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިއަދު ތަހައްމަލު ކުރައްވަމުން ގެންދަވަނީ މި ހާލަތުކަން އޭނާގެ ވަކީލުންގެ ބަޔާންތަކުން ވަނީ ސާފުވެގެން ގޮސްފައެވެ. މިއީ އަނިޔާއަކަށް ނުވާނަމަ ދެން އަނިޔާއޭ ކިޔަންވީ ކޮން އެއްޗަކަށް ބާވައެވެ.

ދަތެއްގައި ރިއްސުމަށްވުރެ ވަކިން ބޮޑު ވޭނެއް އިންސާނަކަށް ކުރިމަތިވުން ނާދިރެވެ. އެހާލަތުގައިވާ ގައިދީއަކު ބޭހަށް އެދުނީމާ އެކަން ފަހިކޮށްނުދީފައި ކަރަންފުލަކަށް އެދުނީމާ ކަރަންފުލާއި ފޯކާއި ބިލެތް ލައިގެން ރަގަޅަށް ދުފައިގެންހުރެ ގައިދީގެ ކުރިމަތީގައި ބިންމައްޗަށް ރަތްކުޅު ޖަހާފައި އެހެރީ ކަރަންފުލޭ ބުނުން ވާނީ ކޮންކަހަލަ ކަމަކަށް ބާވައެވެ. މިއީ އެމްޑީޕީގެ ނާއިބުރައީސް މުހައްމަދު ޝިފާޒާމެދު ދޫނިދޫގައި އަމަލުކުރެވުނު ގޮތްކަމަށް މަންޒަރު ދުށް ގައިދީން ބުނެއެވެ. ހިޓްލަރުގެ ނާޒީ ގާޑުންވެސް މިޒާތުގެ ކަމެއް ކުރިކަން އެނގޭކަށް ނެތެވެ. އެކަމަކު ދިވެހި ޖަލުތަކުގައި މިކަންވެސް މިދަނީ ހިނގަމުންނެވެ.

މިޒާތުގެ ވާހަކަތައް ބައިވަރެވެ. އެހެންވީމާ ހާދިސާތައް ކުރުކޮށްލީއެވެ. މީންކޮންމެ ހާދިސާއަކީ ވަކިމީހަކު ބުނެގެން ވަކިގޮތަކަށް ހިންގޭ ކަމަކަށް ނުވެ ހިނގައިދާނެއެވެ. ވިސްނުމުގެ ފެންވަރާއި އިލްމީ ފެންވަރު ތަންކޮޅެއް ދެރަވަރު ބައެއް މީހުންނަށް އަނެއް އިންސާނާގެ މައްޗަށް ބާރުފޯރުވާން ލިބޭ ފުރުސަތުގައި އަނިޔާވެރިކަން އިސްކުރުމަކީ ހިނގާ ކަމެކެވެ. ހިތަށް ވަދެގަންނަ ބާރަކުން ކުރެވޭ ކަމަކީއެވެ. ނަފްސާނީ އިލްމުވެރިން އިއްތިފާގުވާ ގޮތުގައި އެއީ ބައްޔެކެވެ. އެކަހަލަ ބަލިމީހުން ޖަލުތަކާއި ހަވާލުވެގެން އުޅޭކަމަށް ވަނީވިއްޔާ ދެން އެތަނެއްގައި އަނިޔާކުރުން އާއްމުވެފައި އޮންނާނޭ މިންވަރު އޮތީ ހީކޮށްލުމެވެ.

ކުރިންވެސް ލިޔެވުނު ފަދައިން ގައިދީންނާމެދު އަމަލުކުރަން ގާނޫނުން ލާޒިމްކުރަނީ އިންސާނީ ކަރާމާތާއި ހައްގުތަކަށް އުނިކަން ނުލިބޭ ގޮތަށެވެ. ގައިދީންނަށް އާއިލީ ބައްދަލުވުންތައް ދިނުމާއި ވަކީލުންނާއި ބައްދަލުވެ އުޅުމާއި ހުއްދަތަކެތީގެ ތެރެއިން އާއިލާއިން ފޮނުވާ ތަކެތި ލިބިގަތުމަކީ ގާނޫނުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެވެ. އެހެންނަމަވެސް ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކުރެވިފައިވާ ބައެއް ގައިދީން މިހައްގުތަކުންވެސް ވަނީ އެކަހެރި ކުރެވިފައެވެ. މިކަމުގައިވެސް ހިތަށް އެރިގޮތެކެވެ. ހައްގުތަކުގެ ބާބަކީ ތަންފީޒީ ބާރުތަކުން ހިތަށް އެރިގޮތަކަށް ހަނިކޮށް ފުޅާކޮށް ބަންދުކުރެވޭ އެއްޗެއް ނޫނެވެ. އެއަށްވުރެ ސާފުކޮށް ތަފްސީލުކޮށް އޮތް ކަމެކެވެ.

މި ހައްގުތަކާ މިވަރަށް ކުޅެގަތީމާ އަނިޔާ އެދެވެނީ ކިތައް އާއިލާއެއްގެ ކިތައް މީހުންނަށްކަން މިވެރީންނަށް ރޭކާނުލަނީ ބާވައޭ ސުވާލު އުފެދެއެވެ. އަނިޔާކުރެވޭއިރު އަނިޔާއޭ މިކިޔަނީ ކޮން ގިންތިއެެއްގެ ކޮންކޮން ކަންތަކަކަށްކަން މޭރުންވޭތޯވެސް ސުވާލު އުފެދެއެވެ. މާދަމާ މިހާލަތަށް ތިމާ ވެއްޓިދާނޭ ކަމާއި ތިމާޔާއި ތިމާގެ އާއިލާއަށްވެސް ހިތްދަތިކަން ލިބިދާނޭކަން އިހުސާސްކުރެވޭ ބަޔަކު ހަމަގައިމުވެސް މިޒާތުގެ ކަންކަމަށް އަރައިގަތުން ދުރުވާނެއެވެ.

އެކި ސަބަބުތަކަށްޓަކައި މިސަރުކާރުން ހައްޔަރުކޮށްފައިވާ މީހުން ވަރަށް ގިނައެވެ. ހައްޔަރުކޮށްފައި ދޫވެސް ކުރެއެވެ. ދޫކޮށްފައި އަނެއްކާ ހައްޔަރުވެސް ކުރެއެވެ. ހައްޔަރުކޮށްފައި އެއްގޮތަކަށް ދޫނުކުރާ މީހުންވެސް އެބަތިއްބެވެ. ކޮންމެ ގިންތިއެއްގައި ހިމެނޭ ކޮންމެ ފެންވަރެއްގެ މީހަކަސް އެއީ ގާނޫނުތަކުން ހައްގުތަކެއް ލިބިފައިވާ މީހެކެވެ. ދިވެހި ރައްޔިތެކެވެ. ބަންދުކުރެވިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ކަމަށްވިޔަސް އަދި ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުށީގައި ކަމަށްވިޔަސް ގާނޫނުން ލާޒިމްކުރާ ހައްގުތަކުގެ އިމުން އެމީހަކު ބޭރެއް ނުވާނެއެވެ. އެކަމަކު އިވެމުން މިދަނީ ހައްގުތަކުން މަހުރޫމު ކުރެވިފައިވާ ކަމުގެ ވާހަކަތަކެވެ.

ބައެއް ގައިދީން ގެންގުޅޭ ގޮތާއި ބަންދުކުރެވިފައިވާ ހާލަތުވެސް އާއިލާތަކަށް ނޭގެއެވެ. ހުއްދަތަކެތި ފޮނުވޭނޭ ގޮތެއް ނެތިފައިވެސް އެބަހުއްޓެވެ. ގައިދީންގެ ތެރޭގައި ބޮޑެތި އިލްމުވެރިން އެބަހިމެނެއެވެ. ޒުވާން ވިޔަފާރިވެރިން އެބަހިމެނެއެވެ. ހުރިހާ ގިންތިއެއްގެ މީހުންވެސް އެބަހިމެނެއެވެ. އެހެންވީމާ ބައެއް ގައިދީންނަށް ހުއްދަތަކެތިވެސް ނުލިބި ތިބެން ޖެހުމަކީ ޖިސްމާނީ އަނިޔާއަކަށްވުރެ ބޮޑަށް ނަފްސާނީ އަނިޔާއެކެވެ. އެއްވެސް ގޮތަކުން އެއްވެސް ސިފައެއްގައި ގައިދީއަކަށް ވިޔަސް އަދި އެނޫން މީހަކަށް ވިޔަސް ނަފްސާނީ އަނިޔާއެެއް ދިނުމަކީ އެއްވެސް ގާނޫނަކުން އަދި އުސޫލަކުން ހުއްދަ ކަމެއް ނޫނެވެ. ނަފްސާނީ އަނިޔާއަކީ އެންމެ ބޮޑެތި އަނިޔާއެވެ. ފޮތް ކިޔާ މީހަކު ފޮތުން މަހުރޫމްކުރުމަކީ މިފަދަ ކަމެކެވެ. އާއިލާގެ މީހަކަށް މޫނުވެސް ދައްކާނުލައި އަންގާވެސްނުލައި ހިފެހެއްޓުމަކީ މިފަދަ ކަމެކެވެ.

ސިއްހީ ސަބަބުތަކާއި އަދި އެނޫންވެސް ސަބަބުތަކަށްޓަކައި ބައެެއްކަހަލަ ކާނާ ނުކެވޭ މީހުން ތިބޭނެއެވެ. އަދި އަސާސީ ބައެއްތަކެތިވެސް ޚާއްސަވާން މަޖުބޫރު މީހުން ތިބޭނެއެވެ. އެކަންކަމަކީ އެފަދަ މީހުންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ކޮންމެހެންވެސް މަޖުބޫރު ކަންކަމެވެ. އެކަމަކު ހިތާމަޔަކީ ވެރިކަމުގެ ފަރާތުން އަސާސީ މި ނުގުތާވެސް ހަނދުމަނެތިކޮށްފައިވުމެވެ. ގައިދީއަކަށް ލިބުން ހުއްދަ އެއްޗެއް ކަމަށް ވަނީވިއްޔާ އާއިލާގެ ފަރާތުން އެ އެއްޗެއް ފޮނުވީމާ ލިބެން ޖެހޭނެއެވެ. އެކަމަކު ބައެއް އާއިލާތަކުން ކުރަމުންދާ ޝަކުވާތައް އަޑުއަހައިލީމާ ކަން ހިނގަމުންދަނީ މިމަގުން ނޫންކަން އެބަސާފުވެއެވެ. ހޯމް މިނިސްޓްރީއަށް ހިނގައިގެން އަދި ކަރެކްޝަންސްއަށް ހިނގައިގެން އެތައް ދުވަހެއް ފާއިތުވެގެންދާއިރުވެސް އެއްޗެއް ފޮނުވޭނެ ގޮތެއް ފަހިނުވެއެވެ.

މިކަންކަން މިހެން ދިމާވަނީ ވަކި މީހަކާ ނުވަތަ ބަޔަކާ ދޭތެރޭ ވަކި ގޮތަކަށް އަމަލުކުރަން ތަންކޮޅެއް މަތިން އަންނަ އޯޑަރެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. އެކަމަކު ކޮންމެ މީހެއްގެ އޯޑަރެއްވިޔަސް ގާނޫނުތަކާ ޚިލާފިއްޔާ އެވާނީ އައިރުގާނޫނީ އޯޑަރަކަށެވެ. އެޔަށް ތަބާވެ ތަންފީޒުކުރަނީ ކޮންމެ މީހަކަށް ވިޔަސް އެމީހަކުވެސް އެކުރަނީ ކުށެކެވެ. ކުށެއްވިއްޔާ ވާނީ ކުށަކަށެވެ. ގާނޫނުތަކުގެ މަގްސަދަކީ ކުށްކުރުމެއް ނޫނެވެ. ކުށް ހުއްޓުވުމެވެ. އެންމެންވެސް މިކަން ދަންނާން އެބަޖެހެއެވެ. ގާނޫނުތަކުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެކަމާއި އިސްތިސްނާއެއް ނޯންނާނެކަން ދަންނާން އެބަޖެހެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަކާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަކާއި މިހެންގޮސް ޒާތްޒާތުގެ ނަންދީގެން ކޮމިޝަންތައް ހަދައިގެން ރައްޔިތުންގެ ފައިސާއިން މުސާރަދީފައި މީސްމީހުން ބޭތިއްބުމުގެ ބޭނުމަކީ ފުލުހުންނާއި ކަރެކްޝަންސާއި މިހެންގޮސް އެކި މުވައްސަސާތަކުގެ މީހުން ރަސްމީ މަސައްކަތުގައި މަގުން ކައްސައިލީމާ އެކަންކަން ބަލައި ހޯދައި ދެން އަމަލުކުރާން އޮންނަ ގޮތަކަށް އަމަލުކުރުމެވެ. އެއީ އެއްގޮތަކަށްވެސް ވަކި ބަޔަކަށް ވަޒީފާދީގެން ވަކި ބައެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް އުފައްދާފައިވާ ތަންތަނެއް ނޫނެވެ. އެހެންވީމާ ގައިދީންނާމެދު އަމަލުކުރެވެމުންދާ ގޮތްތައް އެ ކޮމިޝަންތަކުން ބަލަން އެބަޖެހެއެވެ. ފިޔަވަޅު އަޅަން އެބަޖެހެއެވެ.

އެކަން ނުކޮށް ހިމޭނުން ތިބޭ ތިބުމަކީ ކަނޑައެޅިގެން މަސްއޫލިއްޔަތަށް އިހުމާލުވުމެވެ. ޚިޔާނާތަކީ އެއީއެވެ. ތިމާމެންނާއި ގާނޫނުން މަތިކޮށްފައިވާ އަމާނާތަށް އިހުމާލުވެ އަނިޔާތައް ނުފެންނަ ކަމަށް ހެދުމަކީ ނުވަތަ އެއީ ނުހިނގާ ކަމެއް ކަމަށް ދައްކާން އުޅުމަކީވެސް އޭގެ ޒާތުގައި އަނިޔާވެރިވުމެވެ. އަނިޔާގައި ބައިވެރިވުމެވެ.