ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހުގެ ރޭ ފަތިހު ރޯކޮށް، ގެއްލުން ދިން މައްސަލާގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
ރުމާލު ޖަގަހައިގައި ރޯކޮށްލާފައިވަނީ ދެ މީހަކު ސައިކަލުގައި އައިސް، އޭގެ ތެރެއިން އެކަކު ޖަގަހައިގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑު މީހާއަށް ހަމަލާ ދިނުމަށް ފަހުގައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ދިވެއްސެއް ކަން ފުލުހުން ހާމަކުރި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.
ޕީޕީއެމުން ބުނެފައިވަނީ ޖަގަހައަށް ވަން މީހާ ފުރަތަމަ މަސައްކަތް ކުރީ އެތާ ހުރި އޮފީސް ހުޅު ޖެހުމަށް ކަމަށެވެ. ނަމަވެސް ގޭޓެއް ހުރުމުން ސްޓޭޖަށް ޕެޓްރޯލް އެޅުމަށްފަހު ރޯކޮށްލީ ކަމަށް ޕާޓީން ބުނެފައިވެއެވެ.
މި ހާދިސާގައި ޖަގަހައިގައި ބޭނުންކުރަމުން އައި ސްޓޭޖާއި ޕޯޑިއަމް އަދި މޭޒެއް ވަނީ ހަލާކު ވެފައެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ކުރިންވެސް ބުނެފައެވެ.