މާލޭގައި މުދާ އުފުލާ ގަވާއިދަށް ގެނައި ބަދަލާއެކު މަޖޫރީންގެ ހިތްހަމަނުޖެހުންތަކާއި ޝަކުވާތައް މިއަދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަޑުއައްސަވައި، ހައްލު ހޯދުމަށް މަޝްވަރާ ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރު މަޖޫރީންނާ ބައްދަލު ކުރައްވާފައި މިވަނީ، މަޖޫރީން ޚިދުމަތުގެ އަގު ބޮޑުކޮށްފިނަމަ ޚިދުމަތް އާންމުކޮށް ހުޅުވާލާނެ ކަމަށް ބުނެ މިނިސްޓަރު އިންޒާރު ދެއްވާފައި ވަނިކޮށެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރެއްވި ޓުވީޓެއްގައި މަޖޫރީންގެ އިސް ބައެއް ބޭފުޅުންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައި، މަޝްވަރާ ކުރެއްވިކަން ހާމަކޮށްފައިވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މަޖޫރީން ވަނީ މަގުމަތީގައި ދުވާލު ގަޑީގައި މުދާ ނުއުފުލޭ ގޮތަށް އިސްލާހު ކުރުމުން ރުޅިގަދަވެ މަސައްކަތް ހުއްޓާލާފައެވެ. ދެ ދުވަސްފަހުން މަޖޫރީން މަސައްކަތަށް ނިކުތީ ޚިދުމަތުގެ އަގު ދެގުނައަށް ބޮޑު ކުރުމަށް ފަހުގައެވެ.
ނަމަވެސް އިއްޔެ އިކޮނޮމިކް މިނިސްޓަރު ވަނީ އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށާއި، އެގޮތަށް އަގަށް ބަދަލު ގެނެސްފިނަމަ މަޖޫރީންނަށް ދީފައި އޮންނަ ޚާއްސަ ހުއްދަ އުވާލައި، ޚިދުމަތް އާންމުންނަށް ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ.