Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގެ މައްސަލަ މާދަމާ ނިންމަނީ

ސުޕްރީމް ކޯޓް - ފޮޓޯ: ވީނިއުސް

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމުމުން، އެ މީހަކު ފަނޑިޔާރު ކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޙުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަމާ މެންދުރުފަހު 1:00 ޖަހާއިރު އެވެ. މިމައްސަލާގައި އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް މިދިޔަ މަހު ގެނައި އެ އިސްލާހު ބާތިލުކުރަން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

ޤާނޫނު އަސާސީ އޮންނަ ގޮތުން ފަނޑިޔާރުން މަޤާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހަށް ކަމަށް ވިޔަސް، ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހު އޮތް ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން ފަނޑިޔާރުކަމުން ވަކިވާނެ އެވެ.

ޤާނޫނަށް އެ އިސްލާހު ގެނައީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް، ދައުވާ އުފުލާފައި ވަނިކޮށެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުގެ އިތުރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ދާދި ފަހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ވެސް ބާތިލު ކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް އޮތީ ނިންމާލައިފަ އެވެ. އެކަމަކު ހުކުމް ކުރުމުގެ މަޖިލިސް އަދި ތާވަލެއް ނުކުރެ އެވެ.