Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ޑްރަގް ކޯޓަށް ހާޒިރު ކުރާނެ ގޮތުގެ އާ ޤަވާއިދެއް

ޑްރަގް ކޯޓް - ފޮޓޯ: ވީނިއުސް

ޑްރަގް ކޯޓަށް މީހުން ހާޒިރު ކުރާނެ ގޮތުގެ ޤަވާއިދެއް އެކުލަވާލާ އެ ޤަވާއިދަށް ޢަމަލުކުރަން ފަށައިފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ މިޤަވާއިދަކީ ޑްރަގް ކޯޓަށް ހުށަހެޅޭ އެކި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ހެކިންނާއި އެ ނޫންވެސް މީހުން ކޯޓަށް ހާޒިރުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ހާޒިރު ނުވެއްޖެނަމަ ޢަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާ ޤަވާއިދެކެވެ.

މިޤަވާއިދުގައިވާ ގޮތުން ޑްރަގް ކޯޓަށް ހާޒިރުވާން ޖެހޭ މީހާއާއި ހާޒިރުވުމުގެ އަމުރު ހަވާލުނުކުރެވިއްޖެ ނަމަ އޭނާ ދިރިއުޅޭ ގޭގައި ތަސައްރަފް ފުރިފައިވާ މީހެއް ހުރި ނަމަ އެމީހަކާ އަމުރު ހަވާލުކުރުމުން، ކޯޓަށް ހާޒިރުވާން ޖެހޭ މީހާއާއި ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެ އެވެ.

އަދި ކޯޓަށް ހާޒިރުވުމުގެ އަމުރު އެމީހަކާ ހަވަލުކުރުމުން، އެއަމުރު ހަވާލުކުރެވުނު ކަމަށް އިންކާރު ކުރާނަމަ ކޯޓުން އެއަމުރެއް ހަވާލުކުރުމަށް ދިޔަ މީހާ އަމުރު ދިން ކަމަށް ކޯޓުގައި ދޭ ހެކިބަހަކީ ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއް ކަމަށް ބެލެވޭޭނެ ކަމަށްވެސް މިޤަވާއިދުގައިވެ އެވެ.

ދައުލަތުގެ މުއައްސަސާއެއް ތަމްސީލުކުރުމަށް ވެސް އަމުރު ފޮނުވޭނެ ކަމަށާ އެމުއްސަސާއަކާއި އެއަމުރެއް ހަވާލުކުރެވުމުން އަމުރު ރައްދުވީ ކަމަށް ބެލެވޭނެ ކަމަށްވެސް އެ ޤަވާއިދުގައިވާއިރު، ބަންދުގައި ތިބޭ މީހުން ހާޒިރުކުރަން އަންގާނީ އެ މީހަކު ބަންދު ކޮށްފައިވާ ތަނަކަށް ކަމަށްވެސް އެޤަވާއިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކޯޓަށް ހަޒިރުވުމުގެ އަމުރު ޑްރަގް ކޯޓުގެ މުވައްޒިފެއް ހަވާލުކުރާ ގޮތަށް އޮތްކަމުގައިވީ ނަމަވެސް، ކޯޓުން ކަނޑައަޅާ ހާލަތްތަކުގައި ރަޖިސްޓަރީ ޕޯސްޓުގެ ޒަރިއްޔާއިން ނުވަތަ ކޯޓުން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެ ކަމަށްވެސް މި ޤަވާއިދުގައިވެ އެވެ.

އަދި ހަމަ އެހެންމެ ޑްރަގް ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށްފަހު އެމީހަކު ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ވިޔަސް މަގުބޫލު އުޒުރެއް ނެތި ކޯޓަށް ގަޑިއަށް ހާޒިރު ނުވެއްޖެނަމަ އެ މީހަކު 75 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު މިޤަވާއިދުގައި ކޯޓަށް ދީފައިވެ އެވެ.

ހާޒިރުނުވި ފަރާތަކީ ދައުވާ ލިބޭ ފަރާތް ކަމަށްވާނަމަ، އެ ފަރާތެއް ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ ބާރުވެސް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މި ޤަވާއިދުގައިވާ ގޮތުން ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށްފަހު ކޯޓަށް ހާޒިރު ނުވެވޭ ފަދަ މަގުބޫލު އުޒުރެއް ދިމާވެއްޖެ ނަމަ، ހާޒިރުވާން ޖެހޭ ވަގުތުގެ އެއް ގަޑިއިރު ކުރިން އެކަން ކޯޓަށް އަންގަން ވާނެ އެވެ. މަޤްބޫލު އުޒުރެެއް ކަމަށް ބަލާނީ ހާޒިރު ނުވެވޭ ފަދަ ބައްޔެއް ވުމާއި މޫސުން ގޯސްވެ، ދަތުރުފަތުރަށް ބުރޫ އެރުމާއި، ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެން އުޒުރެއް ދިމާވުން ކަމަށާއި ކޯޓަށް ހާޒިރު ނުވެވުނު ސަބަބަކީ ބަލިވުން ކަމަށްވާ ނަމަ، ރަޖިސްޓްރީ ކޮށްފައިވާ ސިއްޙީ ހިދުމަތްދޭ ތަނަކުން ދޫކުރާ މެޑިކަލް ސެޓްފިކެޓާއި، އެކަމަށް ކޯޓުން ދޫކުރާ ފޯމާ އެކު ދެ ދުވަސް ތެރޭގައި ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ޤަވާއިދުގައިވެ އެވެ.

މީގެ އިތުރުން ނިވާކަން ކުޑަ ހެދުމާއި، ކުރު ސޯޓާއި، ބެނިއަމް އާއި، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފް ލިޔުންތައް ލިޔެފައިވާ ހެދުން ނުވަތަ އިސްލާމްދީނާ ހިލާފް ޝިއާރުތައް ރަމްޒުކޮށްދޭ ހެދުމާއި ގަހަނާ އަޅައިގެންނާއި މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ކުރަން ހިތްވަރުދޭ ލިޔުންތަކާއި ކުރެހުން ހުންނަ ހެދުމާއި ވަކި ސިޔާސީ ފިކުރަކާ ގުޅޭ ޝިއާރެއް ނުވަތަ ލޯގޯއެއް ހުންނަ ހެދުން އަޅައިގެން ކޯޓަށް ހާޒިރުވުމަކީ މަނާ ކަމެއް ކަމަށްވެސް މިޤަވާއިދުގައި ބުނެފައިވެ އެވެ.

އަދި ހެދުން އެޅުމުގެ މިންގަނޑާ ޚިލާފުވެއްޖެނަމަ 75 ރުފިޔާއިން އެމީހަކު ޖޫރިމަނާ ކުރުމުގެ ބާރުވެސް މިޤަވާއިދުގެ ދަށުން ވަނީ ޑްރަގް ކޯޓަށް ދީފަ އެވެ.