Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

އެސްޓީއޯއިން މަލްޓި ކޮމްޕްލެކްސްއެއް އަޅަނީ

މާލޭ އިންޑަސްޓްރިއަލް ވިލެޖް - ފޮޓޯ: ވީނިއުސް

ގިނަ އަދަދެއްގެ ގުދަން ތަކެއް ހިމެނޭ ގޮތަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭގެ ސިނާއީ ސަރަޙައްދުގައި "މަލްޓި ކޮމްޕްލެކްސް" އިމާރާތެއް އެޅުމަށް ތައްޔާރުވެއްޖެ އެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މާލޭގައި އެންމެ ގިނަ ބިންތައް ހުރި އެއް ކުންފުނި ކަމަށްވާ އެސްޓީއޯއިން މިހާރު ވަނީ ސިނާއީ ސަރަހައްދުގައި ތަރައްގީ ކުރާ މި އިމާރާތް ޑިޒައިންކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ބިން ހިއްކައިގެން ތަރައްގީ ކުރަމުންދާ ސިނާއީ ސަރަހައްދުގައި އެސްޓީއޯއިން "މަލްޓި ކޮމްޕްލެކްސް" އިމާރާތެއް އެޅުމަށް ތައްޔާރު ވަމުންދާއިރު މި ސަރަޙައްދަށް ވަކިން ކަރަންޓު ފޯރުކޮށްދިނުމަށް އިންޖީނުގެ އެއް އެޅުމަށް ސަރުކާރުން ވަނީ ސްޓެލްކޯއަށް 10،000 އަކަފޫޓުގެ ބިމެއް ވެސް ދީފަ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނީ މާލެއަށް ދިމާވެފައިފައިވާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސިނާއީ ސަރަޙައްދުގައި ޚާއްސަ ޕާކިން ޒޯނެއް ޤާއިމުކުރާނެ ކަމަށެވެ.

ސިނާއީ ސަރަޙައްދަކީ މާލޭގައި ހުރި ތެޔޮ ބައުޒަރުތަކާއި، ކެމިކަލް ގުދަންތަކާއި، ގަރާޖުތަކާއި، އެކި ކަހަލަ ސިނާއީ މަސައްކަތްތައް ކުރާ ވޯކްޝޮޕްތައް އެތަނަށް ބަދަލުކުރުމަށްޓަކައި ތަރައްޤީ ކުރާ ސަރަހައްދެކެވެ.

ރާއްޖެ އަށް ބޭނުންވާ ކާޑާއި ތެލުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދާ ކުންފުންޏަކީ ވެސް އެސްޓީއޯ އެވެ.