Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

އަންހެނުންގެ ޑޮކްޓަރުގެ މައްސަލާގައި އައްޑޫ "ރަތަށް"

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މި ވަގުތު ހުރި އަންހެނުންގެ ޑޮކްޓަރުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތަކެއް ލިބި މުޅި އައްޑޫ "ރަތަށް" އަަރައިފި އެވެ.

"އައްޑޫ ލައިވް"އަށް އެނގިފައިވާ ގޮތުގައި ހޮސްޕިޓަލުގައި މި ވަގުތު ހުރި އިންޑިއާގެ އަންހެން ޑޮކްޓަރުގެ ސަބަބުން ބައެއް ފަރާތްތަކަށް އުމުރު ދުވަހަށް ކުދިން ލިބުމުން ވަނީ މަހްރޫމްވެފަ އެވެ. އަދި ރޭ ހިނގި ހާދިސާއެއްގައި އިތުރު މީހެއްގެ ހާލު ސީރިއަސްވެ އޭނާ ވަނީ އިމަޖެންސީގައި މިއަދު މާލެ ފޮނުވާފަ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވީ ހޮސްޕިޓަލަށް އޭނާ އާ ގުޅޭ ގޮތުން އެތައް މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އޭނާ ފޮނުވާލުމަށް ތަފާތު ފަހަރު މަތިން ހޮސްޕިޓަލުން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ހެލްތު މިނިސްޓްރީން އެކަމާ އެއްބާރުލުން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންހެނުންގެ ޑޮކްޓަރުގެ މައްސަލާގައި އިތުރު އާ ޑޮކްޓަރެއް ގެނައުމަށް ހޮސްޕިޓަލުން ކުރި މަސައްކަތުން ޑޮކްޓަރަކު ވަނީ ރާއްޖެ ގެނެސްފައެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ވަނީ އެ ޑޮކްޓަރު ރ. އަތޮޅަށް ފޮނުވާލާފަ އެވެ.

އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލްގައި ހުރި އަންހެނުންގެ ޑޮކްޓަރަކީ ވަރަށް ފަރުވާ ކުޑަ، އަދި އެހާމެ ނުތާހިރު މީހެއް ކަމަށެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި އަލީ (އަސްލު ނަމެއް ނޫން) ބުނީ އޭނާގެ ފުރަތަމަ ދަރިފުޅު މި ޑޮކްޓަރު ޖެހި އިންޖެކްޝަނެއްގެ ސަބަބުން އެބޯޓްވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ހުށަހެޅި ކަމަށެވެ.

އަލީ ބުނީ އެ މައްސަލާގައި ޑޮކްޓަރު އޭނާ އާ މުއާމަލާތް ކުރީ ވަރަށް ހުތުރު ބަހުން ކަމަށާއި ހަޑި ހުތުރު އެއްޗެހި ކިޔައި އެސްއެމްއެސް ފޮނުވާފައިވާ ކަމަށެވެ.

"މިހާރުވެސް އަހަރެނެގެ ފޯނުގައި އެބަހުރި އޭނާ ފޮނުވި އެސްއެމްއެސް. ވަރަށް ހަޑިއެއްޗެހި ކިޔާފައި ހުރީ" އަލީ ބުންޏެވެ.

އަލީ ބުނީ އޭނާ ބަލިމީހުން ބަލަން އަންނައިރު އަންނަނީ ފެންވެސް ނުވަރައި ކަމަށެވެ. އެހެންވެ އޭނާ ހުންނަތަނެއްގައި ހުންނަންޖެހެނީ ނޭވާނުލައިކަމަށެވެ. އަދި ލައިގެން ހުންނަ ހެދުމުގައި ހަވާދު އާއި ކާއެއްޗެހިވެސް ހުންނަކަމަށެވެ.

ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވީ އޭނާ އާއި ހިތަދޫގައި ތިބޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާ ގާތް ގުޅުން އޮންނަ ކަމަށެވެ. އަދި އެ ގޮތަށް އޭނާ އުޅެނިކޮށް ދެރަ ގޮތެއް ވެދާނެތީ އެކަން ވެސް ތަފާތު ފަހަރު މަތިން ކަމާ ބެހޭ ފަރާތަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަން ބެލިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަންހެނުންގެ ޑޮކްޓަރުގެ އުޅުމާއި، އޭނާގެ ފަރާތުން ލިބޭ ހިދުމަތާއި ހެދި އެތައް އާއިލާއެއް މިއަދު ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އަދި މި ޑޮކްޓަރުގެ ވާހަކަތައް ރަށު ތެރޭގައި ދެކެވޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް ކަމާ ބެހޭ އެއްވެސް ފަރާތަކުން މިކަމުގައި އަޅާލާ ތަނެއް ނުފެނެ އެވެ.