Last Updated: July 13, 22:22
Monday, July 13, 2026
ޚަބަރު

އައްޑޫގެ ބެޓެރި/އެނަޖީ މެނޭޖްމަންޓް ސިސްޓަމް ބީލަމަށް

އޭޑީބީގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޮ ސަސްޓެއިނެބަލް އެނރޖީ ޑިވެލޮޕމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ޖޭއެފްޖޭސީއެމްގެ އެހީގައި ސަރުކާރުން އައްޑޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ބެޓެރީ އާއި އެނަޖީ މެނޭޖްމަންޓް ސިސްޓަމް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކޮށް ދޭނެ ފަރާތެއް ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން ބީލަމަށްލައިފި އެވެ.

މި މަޝްރޫއުގެ މަގުސަދަކީ އައްޑޫގެ ހިތަދޫގައި ގާއިމުކޮށްފައި ހުރި ހައިބްރިޑް ޕަވަ ޕްލާންޓްގައި ބެޓެރި އާއި އެނަޖީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް އެ ޕްލާންޓާއި ގުޅާލައި އޮޓޮމޭޓް ކުރުމެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 17 އާ ހަމައަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން އެވެ. ފައިސާ ބަލައި ގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 އާ ހަމައަށެވެ.

މި މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 20,000 ޑޮލަރު (308،200ރ.) ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫޢުގައި ހިމެނޭ ހުރިހާ މަސައްކަތް ޙަވާލު ކުރެވޭތާ 365 ދުވަހުގެ ތެރޭގައި ކޮށް ނިންމަން ޖެހޭނެ ކަމަށެވެ.