އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ހިމެނޭ ގޮތަށް ހަތަރު ކައުންސިލަރުން ސަސްޕެންޑް ކުރި މައްސަލަ ބާޠިލްކޮށް ދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްއެވެ. ކައުންސިލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި ކައުންސިލަރުން ސަސްޕެންޑު ކުރި ކުރުން ބާތިލު ކުރުމަށާއި ކައުންސިލަރުން ސަސްޕެންޑު ކުރި އުސޫލު ބާތިލު ކުރުމަށާއި ކައުންސިލަރުން ސަސްޕެންޑު ކުރުމުގައި ބައިވެރިވި އެލްޖީއޭގެ މެންބަރުންގެ މައްޗަށް ތަހުގީގު ހިންގުމަށް އަމުރުކޮށް ދިނުމަށް ވަނީ އެދިފައެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުހައްމަދު އާއި ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ ވަނީ މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް 1 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.
އެލްޖީއޭއިން މި ހަތަރު ކައުންސިލަރުން ސަސްޕެންޑް ކުރުމަށް ފޮނުވި ސިޓީގައި ވަނީ ކައުންސިލް އުވާލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.