Last Updated: March 29, 02:52
Friday, March 29, 2024
ރިޕޯޓް

އެކްސިޑެންޓް މަދުކުރަން އެންމެން އެކީ މަސައްކަތް ފަށަމާ!

އައްޑޫ ލިންކު ރޯޑު ނުވަތަ "މަރު"ގެ މަގު އަމާން ތަނަކަށް ހެދުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަން ފަށަން މާލަސްވެެއްޖެއެވެ.

މަގުގެ ރައްކާތެރިކަން ފެށެނީ ތިމާ މީހާއިން ފެށިގެންކަން ގަބޫލްކޮށް ގާނޫނާއި ގަވާއިދަށް ބޯލަނބަން އެންމެން މަސައްކަތް ކުރަން މިހާރުވެސް މާ ލަސްވެއްޖެއެވެ.

އައްޑޫގެ ލިންކު ރޯޑާއި ތާރު އަޅާފައިވާ މަގުތަކުގައި މިހާތަނަށް ހިނގި އެކްސިޑެންޓްތަކުގައި މަރުވި މީހުންގެ އަދަދު 100 އާއި ގާތްކުރާއިރު މަރުވެގެން ގޮސްފައިވަނީ އަޅުގަނޑުމެންގެ ކޮންމެވެސް މީހެއްގެ އާއިލީ މެމްބަރެކެވެ.

2001 ވަނަ އަހަރު ތާރު އަޅައިގެން ލިންކު ރޯޑު ހެދިފަހުން ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި އައްޑޫއަށް ގިނަ އަދަދެއްގެ ވެހިކަލް އެތެރެކޮށް ފައިވާއިރު މިއަދު ލިންކު ރޯޑަކީ ކާރޫބާރޫ ބޮޑު ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ މަގެކެވެ. އެހެންވެ މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ހަދާފައިވާ ގަވާއިދުތަކާއި ގާނޫނުތަކަށް ބޯލަނބަން ޖެހެއެވެ.

ލިންކު ރޯޑުގައި ހިނގާފައިވާ ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކަކީ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައްކަން ފާހަގަ ކުރެވެއެވެ. އެހެންވެ ބާރު ސްޕީޑުގައި ދުއްވުމުން ދޫކޮށް ކަނޑައެޅިފައިވާ ސްޕީޑް ލިމިޓްގައި ސްޕީޑް ބެހެއްޓުން މުހިއްމެވެ.

ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ސީންގައި ފުލުހަކު ހަރަކާތްތެރިވަނީ. އައްޑޫލައިވް ފޮޓޯ: ޝަރަފް

އެެކްސިޑެންޓް މަދުކުރެވޭނީ ދުއްވާ މީހުން މިކަމަށް ސަމާލުވެ ދުއްވައިގެން ކަމަށްވުމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަން ދޭން ޖެހެއެވެ.

މިއާއިއެެކު ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުންވެސް މަގުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން ޓްރެފިކް ފުލުހުންގެ ދައުރު ބަރާބަރަށް އަދާ ކުރުމާއި، ލިންކު ރޯޑުގެ އެކި ހިސާބުތަކުގައި ސްޕީޑް ކެމެރާ ހަރުކޮށް ޓްރެފިކް ގަވާއިދާއި ހިލާފުވާ ފަރާތްތަކަށް އަދަބު ދެވެން ޖެހެއެވެ.

ލިންކް ރޯޑްގައި ހެދިފައިވާ ވަޅުގަނޑެއް. އައްޑޫލައިވް ފައިލް ފޮޓޯ

މީގެ އިތުރުން ލައިސަންސް ދިނުމުގެ އުސޫލަށް ބަދަލުގެނެސް ޓްރެފިކް ގަވާއިދުތަކާއި ހިލާފުވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑައި އަދި ލައިސަންސް ހިފެހެއްޓޭނެ އުސޫލް ގާއިމް ކުރަން ޖެހެއެވެ، މީގެ އިތުރުން ޑްރައިވިން ސްކޫލްތައް ހަރުދަނާކޮށް، މަގުމަތީގައި ދުއްވުމަށް ހޭލުންތެރިކުރަން ޖެހެއެވެ.

އެކްސިޑެންޓް މަދު ކުރުމަށް މަގު ހަރުދަނާ އުސޫލުން ބެލެހެއްޓުން މުހިއްމެެވެ. އެގޮތުން މަގުމަތީގައި ހެދިފައި ހުންނަ ވަޅުގަނޑުތަކާއި ކަފިހި ހުރަސްތަކާއި، ޓްރެފިކް ނިޝާން އަންގައިދޭ ބޯޑުތައް ބަރާބަރަށް ބަލަހައްޓައި މަގަކީ ރައްކާތެރި ތަނެއް ކަމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ކަށަވަރުކޮށްދޭން ޖެހެއެވެ. މީގެ އިތުރުންވެސް ސްކޫލް ދަރިވަރުންނާއި، ޓެކްސީ ޑްރައިވަރުން އަދި އާއްމުންނަށް ދޭތެރެ ދޭތެރެއިން މައުލޫމާތުދީ މަގުތަކުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ.

އެހެންކަމުން އައްޑޫގެ މަގުތައް އަމާން ތަނަކަށް ހެދުމަށް މަގު ބޭނުން ކުރާ އެންމެހާ ފަރާތްތަކާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާއި މަގު ބަލަހައްޓާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށް ލިންކު ރޯޑަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތް ކުރަމާތޯއެވެ.