ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކުގެ ދަރިފުޅު، މުހައްމަދު އަލާން އަހުމަދުގެ ނަމުގައި ޕްލެޓިނަމް ފްލެޓެއް 4.7 މިލިއަން ރުފިޔާއަށް ގަނެފިއެވެ.
އެންމެ އަގުބޮޑު ފްލެޓެއް ނިހާންގެ ދޮށީ ދަރިކަލުންނަށް ބައްލަވައި ގޮތް ގޮތާ މެދު މީޑިޔާތަކުން ސުވާލުކުރުމުން ނިހާން ވިދާޅުވެފައިވަނީ އޭނާ ވަނީ ގިނަ ދުވަސް ވަންދެން މަޖިލީހުގެ މެމްބަރުކަން ކުރައްވާފައި ކަމަށެވެ. އޭގެ ސަބަބުން ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށާއި އަދި އޭގެ އިތުރުން ދެ ލޯނެއްވެސް ނަގާފައިވާ ކަމަށެވެ.
ނިހާނާ ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ވަނީ ބޯހިޔާވެހިކަން ހޯދުމުގެ ގޮތުން ރާއްޖޭގެ ދެ ބޭންކަކުން ނިހާން ހިމެނޭ ގޮތަށް 5.2 މިލިއަން ރުފިޔާގެ ލޯނު ނަގާފައެވެ. އަދި 9 އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ، ޖުމުލަ އާމްދަނީގެ ގޮތުގައި 8.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ނިހާން އަންދާޒާ ކުރެއެވެ.
މީގެ އިތުރުން ނިހާން ވަނީ ފައިސާ ލިބުނު ގޮތާ މެދު ސުވާލު ކުރުމުން އެކަމާ ގުޅޭގޮތުން ދައްކާނެ "މާ ގިނަ" ވާހަކަތަކެއް ނެތް ކަމަށާއި މައްސަލައެއް އޮތްނަމަ މިނިވަން މުއައްސަސާ ތަކަށް ހުށައެޅުމަށް ގޮވާލާފައެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ޖުމުލަ 9 މިލިއަން ރުފިޔާގެ ދެ ފްލެޓް ބައްލަވައިގަތް މައްސަލައާ ގުޅޭގޮތުން އެމަނިކުފާނުވެސް ދެއްވީ ހަމަ މިފަދަ ޖަވާބެކެވެ. އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އޭނާ ފްލެޓު ގަތް ގޮތް ހާމަކުރަން ނުޖެހޭ ކަމަށެވެ. ނަމަވެސް ކަމާ ބެހޭ ފަރާތަކުން ސުވާލުކޮށްފިނަމަ ޖަވާބު ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އަދުރޭ ވިދާޅުވިއެވެ.