ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ކަންފަތްމަތީގައި ޖަހައި މާރާމާރީ ހިންގި، އެ ސްކޫލުގެ ބެލެނިވެރިއަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅި ތަހުގީގުކުރަމުންދާ ކަމަށެވެ. މިމައްސަލާގައި ތުހުމަތުކުރެވޭ ފިރިހެނަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އެ ސްކޫލްގެ ބެލެނިވެރިޔަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި މި މާރާމާރީ ހިންގީ ގްރޭޑް 7 ގައި އުޅޭ އަންހެން ދަރިވަރަކު ބަލައި ބެލެނިވެރިޔާ ސްކޫލަށް ދިޔުމުން، އެ ދަރިވަރު ގެއަށް ގޮސްފިކަމަށް ބުނެ އެސިސްޓެންޓް ޕްރިންސިޕަލް "ދޮގު ހެދި" ކަމަށް ތުހުމަތުކޮށްފަ އެވެ.
އެ މަޢުލޫމާތު ދިން ބެލެނިވެރިޔާ ބުނީ ސްކޫލުން އެހެން ބުނުމުން ބެލެނިވެރިޔާ ގެއަށް ގޮސް ބެލިއިރު ކުއްޖާ ގޭގައި ނެތް ކަމަށާއި، ދެން ބެލެނިވެރިޔާ އަނެއްކާ ސްކޫލަށް ދިޔައިރު އެދަރިވަރު ސްކޫލުގައި ހުރުމުން ރުޅިއައިސް ޖެހީ ކަމަށެވެ.
މާރާމާރީގައި އަނިޔާވި އެސިސްޓެންޓް ޕްރިންސިޕަލަކީ ސްރީ ލަންކާ އަންހެނެކެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ކަންފަތްމަތީގައި ޖެހުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްޗްއިން ފަރުވާ ހޯދިއެވެ.