ޖީއެސްޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ލައްކަ އަކަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ޝަރޫ ލޯންޗް ސާވިސްއަށް ސިވިލް ކޯޓުން ޙުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޝަރޫ ލޯންޗް ސާވިސް އިން ޖުމްލަ 162،325 ރުފިޔާ ދެ މަސްދުވަސް ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރަންޖެހޭނެ ކަމަށެވެ.
ޝަރޫ ލޯންޗް ސާވިސް އަކީ މީގެ ކުރިންވެސް ސަރުކާރުގެ ބޮޑު ދެކުންފުންޏަކަށް 20 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން /ހުކުމް ކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ޑޮލަރު ގަތުމަށް ފެނަކަ އިން ދިން 17 މިލިއަން ރުފިޔާ އާއި ސްޓެލްކޯއިން ދިން ތިން މިލިއަން ރުފިޔާ އަނބުރާ އެ ދެ ކުންފުންޏަށް ދެއްކުމަށް ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުރިހާ ފައިސާއެއް އަނބުރާ ދައްކަން ޝަރޫ އަށް މިހާރު ވަނީ ޖެހިފަ އެވެ.
ޝަރޫ ލޯންޗް ސާވިސް އިން ސަރުކާރުގެ ދެ ކުންފުނިން ކަމަށްވާ ފެނަކައާއި ސްޓެލްކޯއަށް ޑޮލަރު ވިއްކުމަށް ކޮށްފައިވާ މުއާމަލާތުގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލު ކުރި ގޮތުން ގެއްލުންވެފައިވާ ކަމަށް ބުނެ ޝަރޫ ކުންފުނިން އެމްސީބީގެ އަތުން 150 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެއް މިދިޔަ އަހަރު އޮކްޓޯބަރު މަހު ތެރޭގައި ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މި ދެ ކުންފުނިން ޑޮލަރު ގަތުމަށް އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ޝަރޫ ކުންފުންޏަށް ދޫކުރިއިރު އެކުންފުންޏަކީ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއް ނޫން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.