Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ވިލިމާލޭގައި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ހުޅުވަނީ

ވިލިމާލޭގައި ޖަނަވާރުންނަށް ފަރުވާދޭނެ ވަގުތީ ކްލިނިކެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕެޓް ޖަނަވާރުތަކަށް ފަރުވާދޭނެ ކްލިނިކް ހަދަން ހަމަޖައްސާފައި ވަނީ ވިލިމާލޭގައި ހުންނަ ފިޝަރީޒްގެ އިމާރާތެއްގަ އެވެ.

މާލޭގައި ޕެޓް ޖަނަވާރަށް ފަރުވާދޭނެ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އަދިވެސް އެކަމެއް ކާމިޔާބެއް ނުވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ޕެޓް ޖަނަވާރުތަކަށް ކުރިމަތިވާ ސިއްޙީ ބައެއް މައްސަލަތަކަށް، މޯބައިލް ވެޓެރިނަރީގެ ފަރުވާދެމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށާއި ނަމަވެސް ގޭގައި އެފަދަ ޖަނަވާރުތަކުގެ ސާޖަރީތައް ހެދުމަކީ، ސިއްހީ މިންގަނޑުތަކަށް ނުފެތޭ ކަމަކަށްވާތީ، ގޭގައި އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"މީގެ އިތުރުން މިފަދަ ސާޖަރީތައް ހަދާއިރު ޖަނަވާރު ހޭނައްތަން ނުވަތަ އައްސިކުރަން ބޭނުންކުރަންޖެހޭ ބޭސް އަމިއްލަ ގޮތުން ގެންގުޅުމަކީ ކަމާ ގުޅުންހުރި ގަވާއިދުތައް ހުއްދަކުރާ ކަމަކަށް ނުވާތީ މިފަދަ ބޭސް ބޭނުންކުރަންޖެހޭ ސާޖަރީތައް ވެސް ކުރެވޭކަށް ނޯވެ އެވެ،" އިއުލާނުގައި ބުންޏެވެ.

"މިގޮތުން ސިއްހީ މިންގަނޑުތަކުން ބަލާއިރު މިފަދަ ސާޖަރީތައް ކުރަންވާނީ މިކަންކުރުމަށް ހާއްސަކޮށްފައިވާ ތަންތަނުގަ އެވެ. އަދި ހޭނެއްތުމަށާއި އައްސިކުރުމަށް ބޭނުންކުރާ ބޭސްތައް ގަވާއިދުން ގެންގުޅެވޭނީ ރަޖިސްޓްރީކޮށްފައިވާ ކްލިނިކެއްގަ އެވެ."

ޕެޓް ޖަނަވާރުތަކަށް މޯބައިލް ވެޓެރިނަރީގެ ހިދުމަތް މިހާރު ވެސް ލިބެމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.