Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ނިހާންގެ ފްލެޓްގެ މައްސަލާގައި އިންތި އާއި ރޮޒޭގެ ރައްދެއް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން - ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ ޙަލާލު ގޮތުގައި ހޯދި މުސާރައިން ކަމަށް ވިދާޅުވުމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެކަމަށް ރައްދު ދެއްވައިފި އެވެ.

ނިހާން އަށް އިންތި އާއި ރޮޒައިނާ ރައްދު ދެއްވާފައި ވަނީ އިއްޔެ ކުރެއްވި ޓްވީޓްތަކެއްގަ އެވެ.

އިންތި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ނިހާނު އަށްވެސް މުސާރަ ލިބެނީ އޭނާއަށް އެއްވަރަކަށް ކަމަށާއި، މަޖިލީހުގައި ހޭދަކުރައްވަމުން ގެންދަވަނީ ނިހާނާ އެކު ހަމަ އެއް މުއްދަތެއް ކަމަށެވެ.

އެހެންކަމުން "ތިވަރުގެ މުއްސަނދިކަމެއް ލިބުމުގައި ތި ޖަވާބު ކަމަކުނުދޭ،" ކަމަށް އިންތި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރޮޒައިނާ ނިހާނަށް ފާޑު ވިދާޅުވީ އެހެން ބައެއް ކަންކަމާ ވެސް ގުޅުވައިގެންނެވެ.

އެގޮތުން ރޮޒއިނާގެ ޓްވީޓްގައި ވަނީ 9 އަހަރު ތެރޭގައި މަޖިލީހުގެ މުސާރައިން "ނުކައި ނުބޮއި" ނުވަ އަހަރު ވަންދެން ހަމައެކަނި އެއްކުރީތޯ ސުވާލުކުރެއްވި އެވެ. އޭގެ އިތުރުން އެ 9 އަހަރު ތެރޭގައި ރޮލެކްސް އާއި ބީއެމްޑަބްލިޔޫގެ އިތުރުން ލުއިވުޓޯން ކުންފުނިން އެކި އެއްޗެހި ވެސް ނިހާނަށް ހަދިޔާގެ ގޮތުގައި ދިނީތޯ ވެސް ރޮޒައިނާ އެއްސެވި އެވެ.

"މާލޭގައި ކުއްޔަށް ހުރީ ވެސް ހަދިޔާ ބާ؟" ރޮޒައިނާ ސުވާލުކުރެއްވި އެވެ. އަދި އެހެން މީހުންނަށް މިހެން ނުވާންވީ ކީއްވެތޯ ވެސް ރޮޒައިނާ ސުވާލުކުރެއްވި އުފެއްދެވި އެވެ.

އަލާންގެ ނަމުގައި ހުޅުމާލެ އިން އަގު ބޮޑު ފްލެޓެއް ނިހާން ބައްލަވައިގެންނެވި ކަން އެނގުނީ ސިވިލް ކޯޓުގައި، އެ ފްލެޓްގެ މުއާމަލާތާ ބެހޭ ކަމެއް ތާވަލް ކުރުމުންނެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ސުވާލުކުރަމުންނެވެ.

މިކަމާއި ބެހޭ ގޮތުން "މިހާރު" ނޫހަށް ދެއްވި އިންޓަވިއު އެއްގައި ނިހާނު ވިދާޅުވީ، 9 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާފައި ވާތީ މިހާތަނަށް ޖުމްލަ 8.5 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށެވެ.

ނިހާނު ވިދާޅުވި ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގެ އެހެން ބޭންކަކުން ބޯހިޔާވަހިކަމަށް ޚާއްސަ ލޯނެއް ވަނީ ނަންގަވާފައެވެ.

މީގެ އިތުރުން ފްލެޓް ބައްލަވައިގަތީ "ހައްގު ގޮތުގައި، ގާނޫނާއި ގަވައިދުގެ ތެރެއިން" ކަމަށް ވެސް ނިހާނު ވަނީ ވިދާޅުވެފައެވެ.