ގއ. ދެއްވަދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ސަސްޕެންޑް ކޮށްފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިއްޔެ ސަސްޕެންޑް ކޮށްފައިވަނީ ގއ. ދެއްވަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަޖުމީން އާއި ކައުންސިލްގެ ނައިބު ރައީސް އިބުރާހިމް ތަޢުފީޤު އެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދެއްވަދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ރައީސް އަހުމަދު ނަޖުމީން އާއި ނައިބު ރައީސް އިބުރާހިމް ތަޢުފީޤު ސަސްޕެންޑް ކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ބޭރުން ކައުންސިލަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން ތުޅާދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރުމުގެ ސަބަބުން ކަމަށެވެ.
އަދި ދެއްވަދޫ ކައުންސިލުގެ އެ އަމަލަކީ އެ އޮތޯރިޓީ އިން ފާސްކޮށްފައިވާ ކައުންސިލުން ކުރާ ޤާނޫނާއި ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާއި ޚިލާފު އަމަލެއް ކަމަށް ވެސް އެލްޖީއޭ އިން ބުނެއެވެ.
މި މައްސަލަ ބެލުމަށްފަހު އެލްޖީއޭގެ ބޯޑުން ވަނީ އެ ނޫސްބަޔާނުގައި ސޮއިކޮށްފައިވާ ދެއްވަދޫ ކައުންސިލްގެ ދެ މެމްބަރުން މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް އެއް މަސްދުވަހަށް ސަސްޕެންޑު ކުރަން ނިންމާފައެވެ.
އަދި އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާ އަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައްސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މި ބޭފުޅުންނަށް މަނާވާނެ ކަމަށް އެލްޖީއޭ އިން ބުނެއެވެ.
ދެއްވަދޫ ކައުންސިލްގެ ދެ މެމްބަރުން ސަސްޕެންޑް ކުރި އިރު މިދިޔަ މަހުން ފެށިގެން އެލްޖީއޭއިން ސަސްޕެންޑްކުރި ކައުންސިލަރުންގެ އަދަދު މިހާރުވަނީ 25 އަށް އަރާފައެވެ. އެއީ 11 ކައުންސިލެއްގެ 25 ކައުންސިލަރުންނެވެ.