ރައީސް އަބްދުﷲ ޔާމީންގެ ނަމުގެ ކުރީގައި އޮންނަ "ރައީސް" ގެ ލަގަބު ކަނޑުވާލުމަށްފަހު ނޫނީ ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައިވަނީ މިއަދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޖަހަމުންދަނީ އިސްލާހީ ވިންދު ކަމަށެވެ. އަދި ދިވެހިން ތިބީ ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށާއި އެކަން ވަރަށް ރަނގަޅަށް ދައްކާލާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިގައުމުގައި މިއަދު ހިންގަމުން ދަނީ ކަނޑައެޅިގެން އިސްލާމް ދީނާ ޚިލާފު ޖަރީމާތަކެއް ކަމަށާއި އަނިޔާވެރިކަމާއި ބޭއިންސާފަށް ބޯލަނބާނެ ރައްޔިތަކު މިގައުމުގައި ނެތް ކަން ރައީސް ޔާމީނަށް މިހާރު އެނގިވަޑައިގަންނަވާނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިހަވަންދޫގައި ރޭ އަލަށް ހެދި ޖަގަހަ "ކައްވާލި" ހުޅުވައިދިނުމަށް އިދިކޮޅު ފަރާތްތަކުން އެރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ އެމްޑީޕީގެ އެތައް ޖަގަހައެއް ރޫޅާލާފައިވާ ކަމަށާއި ނަމަވެސް 24 ގަޑިއިރުވެސް ނުވަނީސް އަލުން އާ ޖަގަހައެއް ހުޅުވަމުންދާނެ ކަމަށެވެ. މީގެ އިތުރުން ރަށްރަށުގައި އަރުވާފައި ތިބޭ އެމްޑީޕީގެ ދިދަތައްވެސް ފުލުހުން އަންނަނީ އެއްވެސް އަސާސެއް ނެތި ބާލަމުންނެވެ.