Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޖަލުގައި އޮންނަން ޖެހުނަސް ފަހަތަށް ނުޖެހޭނަން: މަހްލޫފް

މުޅި އުމުރު ދުވަހު ޖަލުގައި ބޭއްވިޔަސް ފަށާފައިވާ އިސްލާހީ މަސައްކަތުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން މަހްލޫފްގެ ފަރާތުން އޭނާގެ އަނބިކަނބަލުން ކުރެއްވި ޓުވީޓެއްގައި ފަލާހަށް ފާޑުވިދާޅުވެފައިވެއެވެ.

"ގޮތް ހުސްވެގެން ފަލާހްއަށް މަހްލޫފް މެސެޖް ކޮށްގެން ޔާމީން އާއެކު މަސައްކަތް ކުރަން ބޭނުން ކަމަށް ބުނުމުން އަންނަނީ ހިނި. މުޅި އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް އިސްލާހީ މަސައްކަތުގަ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން މަހްލޫފްގެ ފަރާތުން އަރުވަން"

ރޭގެ ޖަލްސާގައި މެމްބަރު ފަލާހް ވިދާޅުވެފައިވަނީ މަހްލޫފްވެސް މިހާރު ބޭނުންވަނީ ރައީސް ޔާމީނާއެކު އެނބުރި މަސައްކަތް ކުރައްވަން ކަމަށެވެ. ނަމަވެސް ދެން އެ ފުރުސަތެއް ނެތް ކަމަށާއި "ދެން ހޯހޯ" ކަމަށް ފަލާހް ބުނެފައިވެއެވެ.

މީގެ އިތުރުން ގާސިމް އިބްރާހިމްވެސް ރައީސް ޔާމީނާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެ މެސެޖު ކުރަމުން އަންނަ ކަމަށް ފަލާހް ވިދާޅުވިއެވެ. ނަމަވެސް އިއްޔެ ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ވަނީ ފުރަތަމަ ފަހަރަށް ސިޔާސީ މައިދާނަށް ނިކުމެ، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ގާސިމްގެ ދަރިކަލުން، ސިޔާދް ގާސިމް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަތާ 60 ދުވަސް ވެފައިވާއިރު ގާސިމް ވަނީ ދަރިންނާ މުދާ ނަގާ ހުސްކުރިޔަސް ރައީސް ޔާމީނަށް ތާއީދު ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.