ކޮސްޓަ ރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލުއިސް ފޮންސީ އަދި ޑެޑީ ޔަންކީ ކިޔާފައިވާ "ޑެސްޕަސީޓޯ" ލަވައަށް ޔޫޓިއުބްގައި 5 ބިލިއަން ވިއުސް ލިބިއްޖެއެވެ.
މިއީ ޔޫޓިއުބްގައި ޝާއިއު ކުރެވުނު ވީޑިއޯއަކަށް ފަސް ބިލިއަން ވިއުސް ލިބުނު ފުރަތަ ފަހަރެވެ. ސްޕެނިޝް ބަހުން ކިޔާފައިވާ މިލަވައަށް ވަނީ އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައެވެ.
ޑެސްޕަސީޓޯ ލަވައަށް ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޖަސްޓިން ބީބާވެސް ވަނީ ކަވާއެއް ތައްޔާރުކޮށްފައެވެ. އޭނާގެ ކަވާއަށް ވެސް ވަނީ ގިނަ ބަޔެއްގެ ތާއީދު ލިބިފައެވެ.
ޑެސްޕަސީޓޯ އަށް ފަހު އެންމެ ގިނަ ވިއުސް ލިބިފައިވާ ވީޑިއޯއަކީ ފާސްޓް އެންޑް ފިއުރިއަސް 7 ގައި ޗާލީ ޕޫތް އަދި ވިޒް ޚަލީފާ ކިޔާފައިވާ "ސީޔޫ އެގެއިން" ލަވައެވެ. އެއަށްފަހު ސައި ގެ ގަންގްނަމް ސްޓައިލްވެސް ވަނީ ޔޫޓިއުބް ލިސްޓުގެ ތިންވަނަ ހޯދާފައެވެ.