ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ވަޒީފާއިން ވަކިކޮށްފައިވާ އަށް ފުލުހުންގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފިއެވެ.
އެގޮތުން ހައްޔަރުކޮށް ބަންދުކޮށްފައިވާ އަށް ފުލުހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޤާނޫނުލް އުގޫބާތުގެ 512، 532، 533 އަދި 615 ވަނަ މާއްދާގައިވާ ކުށްތަކަށެވެ. ޤާނޫނުލް އުގޫބާތުގެ 512 ވަނަ މާއްދާގައި ބަޔާން ކުރަނީ ރަސްމީ ވާޖިބު އަދާ ކުރުމުގައި ހިންގާ އެކަށިގެން ނުވާ އަމަލުތަކެވެ. ޤާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުން ނުވަތަ ދަތި ކުރުމުގެ ކުށެވެ. ޤާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށެވެ. ޤާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާއަކީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމުގެ ކުށެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމްއާއި ސާޖަންޓު އަލީ ރިޝްވާންއެވެ.
އަށް ފުލުހުންގެ މައްޗަށް ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ. ނަމަވެސް އަދި ޓެރަރިޒަމްގެ ދައުވާ އުފުލާފައެއް ނުވެއެވެ.
އަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމް އަންނާނެއެވެ.