Last Updated: June 27, 07:09
Saturday, June 27, 2026
ޚަބަރު

މިއަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ކުޑަވާނެ: ރިޔާޒް

މެމްބަރު ރިޔާޒް ރަޝީދު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

މިއަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ދޭއް ނުވަތަ ތިނެއް ބިލިއަން ރުފިޔާއަށް ކުޑަވެގެންދާނެ ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރޭ "މިތިބޫ ރައީސް ޔާމީނާއެކު" ނަމުގައި ޕީޕީއެމުން ލ.އަތޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދަތި އުދަނގޫ ކަންތައްގަނޑެއްގެ ތެރޭގައި ކަމަށާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ވެސް 29 ބިލިއަން ރުފިޔާގެ ދަރަންޏާއެކު ކަމަށެވެ.

އަދި ބަޖެޓު އަރަނި ބަޖެޓަކަށް ހެއްދެވުމަށްޓަކައި ރައީސް ޔާމީން ކުރައްވާ މަސައްކަތުން މި އަހަރު ނިމޭއިރުގައި ދައުލަތުގެ ދަރަނި ދެ ބިލިއަނާއި ތިން ބިލިއަނާއި ދޭތެރޭ އަދަދަކަށް ކުޑަވެގެންދާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ސަރުކާރު ލޯނު ނަގާތީ ދަރަނި ބޮޑުވާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާ އިރު އެ ލޯނުތަކަކީ ކުރީގެ ސަރުކާރުތަކުން ނެގި ގޮތަށް އެއް އަހަރު ދައްކާ ގޮތަށް ނަގާފައިވާ ލޯނުތަކެއް ނޫން ކަމަށާއި އެ ލޯނުތަކަކީ 20 އަހަރާއި 25 އަހަރަށް ބަހާލައިގެން ދައްކަން ޖެހޭ ލޯނުތައް ކަމަށެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒުވަނީ ލ.އަތޮޅަށް މިހާރު އަންނަމުންދާ ތަރައްޤީ މާ ބާރު ސްޕީޑުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވައިފި ނަމަ ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ދޭއް ނުވަތަ ތިނެއް ބިލިއަނަށް ކުޑަ ވެގެންދާނެ ކަމަށް ރިޔާޒު ވިދާޅުވި އިރު މިއަހަރުގެ ބަޖެޓު މަޖިލީހުން ފާސް ކުރުމުގެ މަރުހަލާގެ ތެރޭގައި މި ސަރުކާރުގެ ދަރަނި އެކަނި ވެސް 15 ބިލިއަނަށް އަރާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިއަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން ދައުލަތުގެ ބަޖެޓު މިއަހަރުގެ ނިޔަލަށް 49 ބިލިއަން ރުފިޔާ އަށް އިތުރުވާނެއެވެ.