ޗައިނާ އިން ރާއްޖެ އަށް ނުފޫޒު ފޯރުވާތީ އެކަމާ ކަންބޮޑުވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްްޓްއޭޝިއާ ޖޯ ފެލްޓާ ވިދާޅުވީ ރާއްޖޭ މިހާރު އޮތީ އެމެރިކާ ކަންބޮޑުވާ ފަދަ ހާލަތެއްގައި ކަމަށެވެ.
ޗައިނާއިން ރާއްޖޭގެ ބިންތައް އަތުލަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ކުރި ސުވާލުގެ ޖަވާބުގައި ޖޯ ފްލެޓާ ވިދާޅުވީ ޗައިނާގެ ނުފޫޒު ރާއްޖެ އަށް އޮތް މިންވަރުން އިންޑިއާ ވެސް ކަންބޮޑުވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އެކަމަކު، ޗައިނާ އިން ބިންތައް އަތުލަމުންދާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކުރެ އެވެ. އަދި ޗައިނާ އަށް ރަށްތަކެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަ ވެސް ސަރުކާރުން ދޮގުކުރެ އެވެ.
ޖޯ ފްލެޓާ ވިދާޅުވީ އެމެރިކާއިން ބޭނުންވަނީ އިންޑިއާ ކަނޑުގެ ސަރަހައްދާއި ޕެސިފިކް ކަނޑުގެ ސަރަހައްދަކީ ހުޅުވާލެވިފައި އޮތް މިނިވަން ސަރަހައްދަކަށް ވުން ކަމަށް ޖޯ ފްލެޓާ ވިދާޅުވި އެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ހިންގާ ބައެއް ހަރަކާތްތަކާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ-ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ރާއްޖޭގެ ތަރައްޤީގެ ގިނަ ކަންކަމަށް އެ ގައުމުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ރާއްޖެ-އިންޑިއާގެ ގުޅުން ވަނީ ގޯސްވެފަ އެވެ.
ރާއްޖެއާ ބެހޭ ގޮތުން އިންޑިއާ އިން އެންމެ ފަހުން ނެރުނު ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒުކޮށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ގޮވާލައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ޤާނޫނު އަސާސީއަށް ފުރިހަމައަށް އަމަލުކޮށް، ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމު ފުރިހަމަކަމާ އެކު ހިންގުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.