ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ސިޔާދު ޤާސިމަކީ ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިވާ ދެބޭފުޅުން ނޫންކަމަށާ އެ ބޭފުޅުންގެ ކުށަކީ ރައީސް އަބުދުﷲ ޔާމީނަށް ތާއީދުނުކުރުން ކަމަށް ޤާސިމް އިބްރާހިމްގެ ދަރިކަނބަލުން ސަނާ ޤާސިމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަނާ ވިދާޅުވީ، އެކަމަނާގެ ކޮއްކޮ އިބްރާހިމް ސިއާދު ޤާސިމަކީ އެއްވެސް ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫންކަމަށާ ޖަލުގެ ކުޑަގޮޅީގައި ސިޔާދު ދުވަސްތައް ގުނަމުންދަނީ ކުށެއް ކުރައްވައިގެން ނޫންކަން މުޅި ޤައުމު ހެކިވާނެ ކަމަށެވެ.
ބައްޕާޕުޅު ޤާސިމް އިބްރާހިމަށް އިޝާރާތް ކުރައްވާ ސަނާ ވިދާޅުވީ ޤާސިމަކީ ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަމަށާ މިއަދު ސިއްޙީ ހާލުކޮޅު ހުރިގޮތުން ރާއްޖެއިން ބޭރުގައި ހުންނެވުމުން ބައްޕާފުޅަށް ދޭން ބޭނުންވާ އަނިޔާ ދެމުން ގެންދަނީ ސިޔާދު ޤާސިމަށް ކަމަށެވެ.
ސަނާ ވިދާޅުވީ އެކަމަނާގެ ބައްޕާޕުޅުގެ ކުށަކީ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ނުކުރެއްވުން ކަމަށާ އެކަމާއި ގުޅިގެން ބައްޕާޕުޅަށް ދޭން ބޭނުންވާ އަނިޔާގެ އަދަބެއްގެ ގޮތުން ކޮއްކޮ ސިއާދު ޖަލަށްލައިގެން ދެމުންދާ އަނިޔާއާއި ގުޅިގެން ބޮޑު ހިތާމައެއް އާއިލާއަށް ލިބިފައިވާ ކަމަށެވެ.
ސަނާ ވަނީ މިއަނިޔާވެރިކަމާއި ބޭއިންސާފަށް ނޫނެކޭ ބުނަންޖެހޭކަމަށް ވިދާޅުވެފައެވެ.