Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ފަހަތުން އަރައި ޔުނައިޓެޑް، ސިޓީ ސައިޒްކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަދި ޔުނައިޓެޑު ބައްދަލު ކުރި މެޗު، ފަހަތުން އަރައި ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.

ޕެޕް ގާޑިއޯލާގެ ސިޓީ ޓީމަށް މިސީޒަނުގެ ލީގު ނެގުމަށް ބާކީ އެންމެ މޮޅެއް ބޭނުންވާއިރު، ރޭ ސިޓީ ވަނީ ޔުނައިޓެޑު ބަލިކޮށް ލީގު ނެގުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

އަދި މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލީޑު ނެގީވެސް ސިޓީންނެވެ. 25 ވަނަ މިނެޓުގައި ސިޓީ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ގޯލު ޖެހީ ކޯނަރަކުން ނެގި ބޯޅައެއް ގޯލުގެ ތެރެއަށް ބޮލުން ފޮނުވާލައިގެންނެވެ. އަދި އިކޭ ގުންޑޯގަން އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ސިޓީގެ ލީޑު 0-2 އަށް ފުޅާކުރިއެވެ.

ފުރަތަމަ ހާފުގައި ސިޓީއަށް ލީޑު ފުޅާކުރުމަށް އިތުރު ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. އެގޮތުން ސްޓާލިންގ އަށް ލިބުނު ހުސް ތިން ފުރުސަތުގެ ބޭނުންވެސް އޭނާއަށް ނުހިފުނެވެ.

ދެ ލަނޑުގެ ލީޑަކާއެކު ސިޓީ ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޕޮގްބާ ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކައިރި ކައިރީގައި ޖެހި ދެ ލަނޑާއެކު ނަތީޖާ ހަމަހަމަކޮށްދީފައެވެ. ޔުނައިޓެޑުން ލީޑު ނެގީ 69 ވަނަ މިނެޓުގައި ސްމޯލިން ބޮލުން ޖެހި ގޯލަކުންނެވެ.

ދެ ޓީމުންވެސް އެއަށްފަހު ނަތީޖާއަށް ބަދަލެއް ގެނައުމަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ސިޓީގެ އަގުއޭރޯ ބޮލުން ޖެހި ބޯޅަ ޑެހެއާ ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ. އަދި ސްޓާލިންއަށް ފަހު ހާފުގައި ލިބުނު ހުސް ފުރުސަތުވެސް އަމާޒު ވެގެން ދިޔައީ ގޯލުގެ ދަގަނޑަށެވެ.

މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވުމުން ދެރަވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތީ ބޮޑު މެޗެއް ކަމަށް ވުމުން ސިޓީ އެ މެޗަށް ފުރިހަމައަށް ތައްޔާރު ވާނެ ކަމަށެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް ސިޓީއަށް 13 ޕޮއިންޓުގެ ލީޑެއް ލިބިފައިވާއިރު އެންމެ މެޗަކުން މޮޅުވިޔަސް ތަށި ޔަގީން ކުރެވޭނެއެވެ.