އަންނަ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމަށް އެމްޑީޕީގެ މެނިފެސްޓޯ ވަރަށް އަވަހަށް އެކުލަވާލާނެކަމަށް އެޕާޓީން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ "ރާއްޖެޓީވީ" ފަލަސުރުހީގައި ވާހަަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބްގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވޭނީ އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށާއި އެކަމަށް އެޕާޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަސަން ވިދާޅުވީ ޕާޓީތަކާއި އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެކަމަށް އެމްޑީޕީން ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުން އައި މަސައްކަތް ލަސްވެފައިވަނީ ދާދި ފަހުން އިއްލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ސައްލާ ކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. ނަމަވެސް އަދި ނެރޭނެ ކެންޑިޑޭޓަކު ނިންމާފައި ނުވެއެވެ.
އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅުން މަސައްކަތް ކުރަމުން އަންނަ އިރު ސަރުކާރުން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށާއި އޭގެ ކުރިން ޕާޓީތައް ބައިބައިވެގެންދާނެ ކަމަށެވެ.