Last Updated: June 27, 07:05
Saturday, June 27, 2026
ޚަބަރު

ސީރިއާގައި ދިން ކެމިކަލް ހަމަލާއެއްގައި 70 މަރު

ފޮޓޯ: އޭބީސީ

ސީރިއާގެ އިރުމަތީ ޣޫތާގައި އޮންނަ ދޫމާ އަށް ދިން ވިހަ ގޭހުގެ ހަމަލާއެއްގައި 70 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސީރިއާގައި އެހީ ދިނުމުގައި ހަރަކާތްތެރިވާ "ވައިޓް ހެލްމެޓްސް" އިން ބުނާ ގޮތުގައި އެ ހަމަލާގައި މަރުވި ވަރަށް ގިނަ މީހުންގެ ހަށިތައް ބިންގަރާހުން ވެސް ފެނިފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް "ވައިޓް ހެލްމެޓްސް" އިން ބުނެއެވެ.

އެކަމަކު ސީރިއާ ސަރުކާރުން ބުނެފައި ވަނީ ކެމިކަލް ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ކެމިކަލް ވިހަ ބޭނުން ކުރި ކަމަށް ބުނާ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ސީރިއާ ސިފައިންނާ އެކު އިރުމަތީ ޣޫތާ އަށް ހަމަލާ ދޭ ރަޝިޔާ އިން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސީރިއާގެ ރައްޔިތުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން މީގެ ކުރިން ވެސް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ މައްސަލަ އަކީ ދެބަސްވެވެން ނެތް ކަމެއް ކަމަށެވެ.

ވިހަ ގޭހުގެ ހަމަލާގައި 70 މީހުން ވެސް މަރުވެފައި ވަނީ ނޭވާ ހާސްވެގެން ކަމަށާއި މިހާރު ވެސް ބައެއް މީހުންނަށް ނޭވާލާން އުނދަގޫވެފައިވާ ކަމަށް "ވައިޓް ހެލްމެޓްސް"ގެ ޑިރެކްޓަރު ރާއިދު އަލް ސަލާހު ވިދާޅުވި އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެމިކަލް ހަމަލާގައި ވަނީ 180 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ސީރިއާގެ ރަސްމީ ނޫސް އެޖެންސީ، "ސާނާ" އިން ބުނީ ޖައިޝުލް އިސްލާމްގެ ޓެރަރިސްޓުން އެ ދަނީ ބަލިވަމުން ކަމަށާއި ސީރިއާ ސިފައިން ހުއްޓުވުން ކޮންޓްރޯލް ނުކުރެވުމުން އެ މީހުންނަށް ތާއީދުކުރާ މީޑިއާތަކުން ދަނީ ކެމިކަލް ހަމަލާ ދިން ކަމަށް ބުނަމުން ކަމަށެވެ.

ސީރިއާ އިން 2013 ވަނަ އަހަރު އިރުމަތީ ޣޫތާ އަށް ނާވް އެޖެންޓެއް ކަމަށްވާ ސަރިން ގޭހުގެ ހަމަލާއެއް ދިނުމުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮންނަ ޚާން ޝެއިޚޫން އަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ސީރިއާ އިން ކެމިކަލް ހަމަލާއެއް ދިނުމުން 80 މީހުން މަރުވެފައިވެ އެވެ.