އައްޑޫގައި ސަރުކާރުން އަޅަން ނިންމާފައިވާ ފްލެޓްތަކުގެ މަސައްކަތް މި އަހަރު އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށް އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޗައިނާގެ ސީއެމްއީސީ ކުންފުނިން ބުނެފި އެވެ.
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އަޅަން ނިންމާފައިވާ ފްލެޓްތަކާއި ގުޅޭ ގޮތުން
މިއަދު ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި، ސީއެމްއީސީން ބުނީ އައްޑޫގައި އަޅަން ނިންމާފައި ވަނީ 700 ފްލެޓް ކަމަށެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމީދޫގައި 50 ރޯ ހައުސް އާއި ހިތަދޫގައި ހަތަރު ބުރި އިމާރާތުގައި 264 ހައުސިން ޔުނިޓް ކަމަށެވެ.
ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ އެކު މިއަދު ކައުންސިލްގައި ބޭއްވި ބައްދަލުވުމަކީ ފްލެޓް އެޅުމަށް ހަމަޖެހިފައިވާ ބިން ބެލުމަށާއި ކުރަން ޖެހޭ ސާވޭތައް ކުރުމާ ބެހޭ މައުލޫމާތު އެއްކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫގައި އަލަން ނިންމި ފްލެޓް މަޝްރޫއު ހުއްޓިފައި އޮތުމަށް ފަހު މިހާރުގެ ސަރުކާރުން ފްލެޓް އެޅުމަށް ހަމަޖެހިފައިވާ ބިން ބެލުމަށް ތިން ފަހަރެއްގެ މަތިން ވަނީ އައްޑު އަށް ޒިޔާރަތްކޮށްފަ އެވެ. އަދި އެންމެ ފަހުން އެޓީމް އައްޑު އަށް ޒިޔާރަތްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އައްޑޫގައި އަޅަން ނިންމި 700 ހައުސިން ޔުނިޓްގެ ތެރެއިން މިހާތަނަށް ޢިމާރާތްކޮށް ނިމިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން އައްޑޫސިޓީގެ ފޭދޫއަވަށުގައި ހެދި 25 ހައުސިން ޔުނިޓެވެ. ނަމަވެސް މިއިން ޔުނިޓަކަށް މީހަކަށް ނުވަދެވިގެން އުޅެނިކޮށް އެތަންތަން ވަނީ ހަލާކުކޮށް އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފައެވެ.