Last Updated: June 27, 07:05
Saturday, June 27, 2026
ޚަބަރު

ނާޝިދު މަރުވީ ފިޓު ޖެހިގެން، ހަމަލައަކުން ނޫން: އާއިލާ

ނާޝިދުގެ ހަށިގަނޑު ލޯންޗަށް އަރުވަނީ - ފޮޓޯ: މިހާރު

ގއ. މާމެންދޫ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ފިޓު ޖެހިގެން މަރުވި މީހެއް ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

މާމެންދޫ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެ ރަށު މޫންލައިޓްވިލާ މުހައްމަދު ނާޝިދު 38، އެވެ.

މާމެންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒައީމް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ނާޝިދު މަރުވީ މީހެއްގެ ނުވަތަ ބައެއްގެ ހަމަލައަކުން ކަމަށް ނުބެލެވޭ ކަމަށާއި ނާޝިދު މަރުވީ ފިޓް ޖެހިގެން ކަމަށް ޑޮކްޓަރުން އާއިލާ އަށް އަންގާފައިވާ ކަމަށެވެ.

ނާޝިދަކީ ކުރިން ފިޓު ޖެހޭ މީހެއް ކަމަށާއި އޭނާގެ ކޮނޑުމަތީގައި ޒަހަމްތަކެއް ހުރި ކަމަށާއި އެކަމަކު ޑޮކްޓަރުން ބުނަނީ އޭނާ ޒަޚަމްވީ މޫދު ތެރޭގައި އުޅުމުގެ ތެރޭގައި ކަމަށް ޒައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނާޝިދަކީ ކޮންމެވެސް ވަރަކަށް މޫދަށް ގޮސް އުޅޭ މީހެކެވެ.

ފުލުހުން ބުނީ ނާޝިދުގެ ހަށިގަނޑުން ނަގަން ޖެހޭ ސާމްޕަލްތައް ނެގުމަށް ފަހު، އިއްޔެ ގއ. ވިލިނގިލީގައި ވަޅުލާފައިވާ ކަމަށެވެ. އަދި ނާޝިދުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނާޝިދު އެންމެ ފަހުން ފެނުނު ކަމަށް ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. ނާޝިދަކީ މާމެންދޫގައި މަސްވެރިކަން ކުރަމުން އަންނަ މީހެކެވެ.

ނާޝިދު މަރުވީ މީހެއްގެ ނުވަތަ ބައެއްގެ ހަމަލާ ދީގެން ކަމަށް މާމެންދޫގައި އަޑު ފެތުރިފައިވާއިރު، އެގޮތުން އަތުގެ މުލައްދަނޑި ނޫފައިގެންފައި ހުރުމާއި ކަރުގައި މީހަކު ހިފާފައި ހުރި ކަމުގެ ނިޝާންތައް ހުރި ކަމަށް ނާޝިދު ފަޅުތެތެރޭގައި އޮއްވައި ފެނިގެން ނެގި ބައެއް މީހުން ބުންޏެވެ.

ނަމަވެސް އެ ވާހަކަތައް ކައުންސިލާއި އާއިލާ އިން ދޮގުކުރާ ކަމަށް "މިހާރު" ނޫހުން ބުނެއެވެ.