Last Updated: June 27, 07:09
Saturday, June 27, 2026
ޚަބަރު

ދުރާލާ އައިޑީ ކާޑް ހައްދަން އިލްތިމާސްކޮށްފި

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގެ - ފޮޓޯ: އަޝްރަފް (ފައިވްޕްރައިމް)

ރިޔާސީ އިންތިޚާބު ގާތްވަމުން އަންނާތީ އައިޑީ ކާޑު ހައްދަން ޖެހޭ ފަރާތްތަކުން ދުރާލާ އެކަން ކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އިލްތިމާސްކޮށްފި އެވެ

ޑީއެންއާރް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ކާޑު އައުކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި، ކާޑުގެ މުއްދަތު ހަމަހަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ކާޑު އައުކުރުމަށް ހުށަހެޅުއްވުމުން ކާޑު އައުކޮށްދެވޭނެ ކަމަށެވެ.

ޑީއެންއާރް އިން ބުނީ ވަރަށް ގިނަ ފަރާތްތަކުން ޙައްޖު، ޢުމްރާ އަށް ފުރާވަޑައިގަންނަވަން ވަރަށް ކައިރިކޮށް ކާޑުހެއްދުމަށް އެދި ހުށަހަޅަމުން ގެންދަވާ ކަމަށާއި ބައެއް ފަރާތްތަކުން ހޮސްޕިޓަލް ގައި އެޑްމިޓް ކުރުމަށްފަހުވެސް ކާޑުހެއްދުމަށް ހުށަހަޅުމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން މިއަހަރަކީ ރިޔާސީ އިންތިޚާބެއް އޮންނައަހަރަކަށް ވާތީ، އިންތިޚާބު އޮންނަދުވަހާ ކައިރިކޮށް އެއްފަހަރާ ގިނަބަޔަކު ކާޑުހެއްދުމަށް ހުށަހަޅުއްވައިފިނަމަ، ޑީއެންއާރް އަށްވެސް އަދި ޚިދުމަތް ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށްވެސް ވަރަށްބޮޑު ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށެވެ.

އެހެންކަމުން، ކާޑުގެ މުއްދަތު ހަމަވެގެން، ގެއްލިގެން، ހަލާކުވެގެން ނުވަތަ މިނޫންވެސް ގޮތަކުން ކާޑުހައްދަވަން ޖެހިވަޑައިގަންނަވައި ބޭފުޅުން ދުރާލާ ކާޑުހައްދަވައިގެން ތިއްބެވުމަށް ޑީއެންއާރް އިން ވަނީ އިލްތިމާސްކޮށްފައެވެ.