ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ އިއްޔެ އާއި މިއަދު ގއ. ކޫއްޑޫ މަސް ފެކްޓަރީއަށް 700 ޓަނުގެ މަސް ކިރުވާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު ވިދާޅުވީ ހޮނިހިރު ދުވަހު މިފްކޯގެ ބޯޓު ފަހަރުތަކަށާއި ކޫއްޑޫއަށް 700 ޓަނުގެ މަސް ކިރާފައިވާކަމަށެވެ. އަދި މިއީ ފާއިތުވި ދެ އަހަރު ފަހުން މަސްވެރިކަން އެންމެ ރަނގަޅުވި ފަހަރުކަމަށެވެ.
ރަމްޒީ ވިދާޅުވީ ދޯންޏަކުން އެވްރެޖްކޮށް 15 ޓަނާއި 43 ޓަނާއި ދެމެދު މަސް ކިރާފައިވާ ކަމަށެވެ. މިފްކޯއިން ވަނީ މިދުވަސްވަރު މަސްވެރިކަމަށް އައިސް އަޅައިގެން ނިކުތުމަށް މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ހުވަދޫގެ ހުރިހާ އައިސް ޕްލާންޓްތަކުން އަގުހެޔޮކޮށް އައިސް ލިބޭނެ ކަމަށް މިފްކޯއިން ބުންޏެވެ.