Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ސިފައިންގެ ދުވަހާ ގުޅިގެން ދުވުމެއް ބާއްވަނީ

ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ދުވުމެއް ބާއްވަން އެމްއެންޑީއެފް އިން ނިންމައިފި އެވެ.

އެމްއެންޑީއެފް ސަދަން އޭރިއާއިން "126 ރަން" ނަމުގައި އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ދުވުން އޮންނާނީ މި މަހުގެ 21 ވާ ހޮނިހިރު ދުވަހުގެ 16:00 ޖަހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ދުވުމަކީ ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ގުޅުވާލައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ ދުވުމެކެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 09 އިން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހިތަދޫ ފަޔަރ ސްޓޭޝަނުންނާއި ސ.ގަމުގެ ކޯޒްވޭ ސަރަޙައްދުގައި ހުންނަ ކޯސްޓްގާޑު ޕޯސްޓުން ދޫކުރާ ރަޖިސްޓްރީ ފޯމް ފުރުއްވުމަށް ފަހު، ހުށަހެޅުމަށް އެމްއެންޑީއެފް އިން އެދެއެވެ.

ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ބާއްވާ މި ދުވުމަށް ކަނޑައެޅިފައިވާ ކެޓަގަރީ ތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ދުވުމާއި، 5 ކިލޯ މީޓަރުގެ ޓީމު އިވެންޓެވެ. ޓީމު އިވެންޓްގައި ބައިވެރިވެވޭނީ 5 ދުވުންތެރިންގެ ޓީމަކަށެވެ.

މި ދުވުމުގައި، ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ބައިން އަންހެން، ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ އެވެ. ޓީމު އިވެންޓުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.