Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޕާޓީތަކާ އީސީން ވަކިވަކިން ބައްދަލު ކުރަނީ

އިލެކްޝަން ކަމިޝަނުގެ އާ ރައީސް އަހުމަދު ޝަރީފް، ފޮޓޯ: މިހާރު

ސިޔާސީ ޕާޓީތަކާ ވަކިން ބައްދަލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެކަމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

ހުރިހާ ޕާޓީތައް އެއް މޭޒަކަށް ގެނެސް، އޯލް ޕާޓީ ޓޯކް ބޭއްވުމަށް އީސީން ކުރިން ނިންމި ނަމަވެސް މިހާރު ވަނީ އެ ބައްދަލުވުން ކެންސަލް ކުރުމަށްފަހު، ކޮންމެ ޕާޓީއަކާ ވަކިން ބައްދަލުކުރަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މިގޮތަށް ބައްދަލުވުން ބަދަލުކުރީ ހުރިހާ ޕާޓީއަކާވެސް ގާތުން ބައްދަލުކޮށް، ކޮންމެ ޕާޓީއެއްގެ ޝަކުވާތަކާއި އެދުންތައް ރަނގަޅަށް ސާފު ކުރުމަށެވެ.

އަދި ވަކިން ޕާޓީތަކާ ބައްދަލުކުރަން މި ހަފްތާ ތެރޭ ފަށަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު، އަކުރަމް އަހުމަދާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރު ވަމުން އަންނައިރު ކޮމިޝަނުން ބުނަނީ އިންތިޚާބު ވީހާވެސް މިނިވަން، ދެ ފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.