Last Updated: June 14, 09:25
Sunday, June 14, 2026
ޚަބަރު

ރިޟްވާން މައްސަލައިގެ ޝަރީއަތް ނުބޭއްވުނު

ވީނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވިކަމަށް ބުނެ ދައުލަތުން ދައުވާ ކުރާ ދެ މީހުން މިއަދުވެސް ކޯޓަށް ހާޒިރު ނުކުރެވިގެން ޝަރީއަތްވެސް ކެންސަލް ކޮށްފިއެވެ.

ރިލްވާން ފޮރުވިކަމަށް ބުނެ ދައުލަތުން ދައުވާ ކުރާނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

ރިލްވާން ގެއްލުނު މައްސަލާގައި މިހާތަނަށް ގިނަ ޝަރީއަތް މަޖްލިސްތައް ވަނީ ހެކިން ހާޒިރު ނުކުރެވިގެން ކެންސަލްކޮށްފައެވެ. ދައުލަތުން ދައުވާ ކުރާ އާލިފް ރައޫފް އާއި މުހައްމަދު ނޫރައްދީންގެ މައްޗަށް ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން އާލިފްގެ ރަތް ކުލައިގެ ކާރަށް އެރުވިކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ރިލްވާން ދިރިއުޅެމުން ދިޔަ ފްލެޓްގެ ބައެއް މީހުންގެ ހެކިބަސް ވަނީ ނަގާފައެވެ. އަދި ރިލްވާން އެރުވިކަމަށް ބުނާ ރަތް ކުލައިގެ ކާރުން ފެނުނު އިސްތައްޓަކުން ރިލްވާންގެ މަންމަގެ ޑީއެންއޭ އާއި ދިމާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.