Last Updated: June 14, 09:25
Sunday, June 14, 2026
ޚަބަރު

އެސްއެމްއީ ލޯނަށް ފުރުސަތު ހުޅުވާލައިފި

* އެސްއެމްއީ ލޯންގެ ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ހަ ރަށެއްގެ ބިޒްނަސް ސެންޓަރުން
* ފަރުދަކަށް އެންމެ ގިނަ އަދަދަކަށް ދޫކުރަނީ ފަސް ލައްކަ ރުފިޔާ
* ކުންފުނި، ޕާޓްނާޝިޕް އަދި ކޯޕަރޭޓް ސޮސައިޓީތަކަށް 1.5 މިލިއަން ރުފިޔާ އާއި ހަމައަށް ލޯން ދޫކުރޭ
* ލޯނު އަދާ ކުރަން 9 އަހަރުގެ މުއްދަތެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރާ އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އެސްއެމްއީ ލޯން ސްކީމްގެ ދަށުން 50 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާއިރު ވަކި ފަރުދަކަށް އެންމެ ގިނައިން ދޫކުރުމަށް ނިންމާފައިވަނީ ފަސް ލައްކަ ރުފިޔާކަމަށެވެ.

މީގެ އިތުރުން ކުންފުނި، ޕާޓްނާޝިޕް އަދި ކޯޕަރޭޓް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އާއި ހަމައަށް ލޯން ދޫކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އެސްއެމްއީ ލޯނުގެ ގޮތުގައި 38 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު އެސްއެމްއީ ލޯނު އަނބުރާ ދެއްކުމަށް ނުވަ އަހަރުގެ މުއްދަތެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފައެވެ.