ވަކީލުންނާއި ގުޅޭ ބިލް ޑްރާފްޓްކޮށް މަޖްލިސްއަށް ފޮނުވާއިރު ވަކީލުން ރެގިއުލޭޓް ކުރެވޭނެގޮތަށް ބިލްގައި ހަމަނުއްވާނެކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ގާނޫނީ ވަކީލުންގެ ފަންނަކީ ބާ ކައުންސިލެއްގެ ބެލުމުގެ ދަށުން ހިނގާނެ ތަނެއް ކަމުގައި ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
އެގޮތުން ސަރުކާރުން ވަކީލުންނާއި ބެހޭ ބިލް މަޖްލިސްއަށް ފޮނުއްވާއިރު ކަމުގެ މާހިރުންނާއި މަޝްވަރާކޮށް ބިލް އެކުލަވާލާނެކަމަށެވެ.
އަނިލް ވިދާޅުވީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނަންގަވައިގެން ވަކީލަކަށް ރާއްޖޭގައި ހުއްދަ ލިބުނަސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޮތަށް ހުއްދަ ނުލިބޭކަމަށެވެ. އެގޮތުން ބާއެގްޒާމް ފަދަ އެގްޒާމްތައް ވެސް ހަދަން ޖެހޭ ކަމަށާއި އެފަދަ އިމްތިހާނުތަކުން ފާސްވެގެން ނޫނީ ހުއްދަ ނުވެސް ލިބޭ ކަމަށެވެ.
ރޭ ހުއްދަ ދެއްވި ގާނޫނީ ވަކީލުންނަށް މުހާޠަބްކޮށް އަނިލް ވިދާޅުވީ ގާނޫނީ ވަކީލުންނަށް ރާއްޖޭގައި ގިނަ ފުރުސަތުތަކެއް ހުރި ކަމަށާއި، ވަކިން ހާއްސަކޮށް މިނިވަން މުވައްސަސާ ތަކާއި ބަންޑާރަ ނައިބްގެ އޮފީހުގައިވެސް ފުރުސަތު ހުރިކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި 170އަށް ވުރެ ގިނަ ވަކީލުން ވަނީ ހުވާ ކުރައްވާފައެވެ.