ސީރިޔާގެ އަވަށަކަށް ދިން ކެމިކަލް ހަމަލާއެއް ގައި އެތައް ބަޔަކު ނޭވާ ހާސްވެގެން މަރުވެއްޖެއެވެ.
ސީރިޔާގެ ޑޫމާއަށް ރޭގެ ވަގުތެއްގައި ދިން މި އެސިޑު ހަމަލާގެ ސަބަބުން މިހާތަނަށް 42 މީހަކު މަރުވެފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްއިން ވަނީ ރިޕޯޓުކޮށްފައެވެ. މަރުވެފައިވާ މީހުން ފެނިފައިވަނީ އެމީހުންގެ ގޭ ތެރޭގައި، އަނގައިން ފޮނު ފައިބައިފައި ތިއްބައެވެ.
މި ހަމަލާގައި ވަރަށް ގިނަ ކުޑަކުދިންނަށް ވަނީ އަސަރުކޮށްފައެވެ. މިހަމަލާގެ ފަހަތުގައި ވަނީ އެގައުމުގެ ވެރިޔާ، ބަޝާރު އަލް އަސަދު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދިޔަ ނަމަވެސް އޭނާގެ ސަރުކާރުން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.
އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވަނީ މިހާދިސާ ކުށްވެރިކޮށް، ރަޝިޔާގެ ރައީސް ޕޫޓިންއާއި އިރާނުން، ބަޝާރުލް އަސަދަށް ހިތްވަރު ދޭ ކަމަށް ތުހުމަތުކޮށްފައެވެ. ޓްރަމްޕް ވަނީ އަސަދުއަށް ހިތްވަރު ދެނީ އިރާނާއި ރަޝިޔާ ކަމަށް ބުނެ އެކަމަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ބުނެފައެވެ.
https://twitter.com/realDonaldTrump/status/982966315467116544
https://twitter.com/realDonaldTrump/status/982967389028569088
ސީރިޔާ ސަރުކާރުން މި ތުހުމަތުތައް ދޮގުކޮށް، ހަމަލާގެ ފަހަތުގައި ވަނީ ޑޫމާގައި ހަރަކާތްތެރިވާ ސަރުކާރާއި އިދިކޮޅު އިސްލާމީ ޖަމާއަތް ކަމަށް ތުހުމަތުކޮށް ބަޔާނެއް ނެރެފައެވެ.
ޑޫމާއަކީ ސީރިޔާ ސިފައިން އެ އަވަށް ވަށާލައި، ބޭރު ދުނިޔެއާ މުޅިން އެކަހެރިކޮށްފައި އޮންނަ އަވަށެކެވެ. އެހީގެ ޖަމާއަތް ތަކާއި ނޫސްވެރިންނަށް ވެސް ޑޫމާއަށް ނުވަދެވޭ ގޮތަށް ވަނީ ހަދާފައެވެ.