މޯލްޑިވިއަން އައިޑޮލްގެ ގަދަ 7 ން ޖާގަ ހޯދާފައިވާ ހިތަދޫ، ހުސެއިން ޝަހުދާންގެ ސަޕޯޓަރުން އިއްޔެ ހަވީރު އައްޑޫގެ ބޮޑެތި މަގުތަކުގައި ވެހިކަލް ބުރެއް ބާއްވައިފިއެވެ.
ޝަހުދާންވެސް ބައިވެރިވި މި ވެހިކަލް ބުރު ފަށާފައިވަނީ ހިތަދޫ ސްކޫލް ކުރިމަތިންނެވެ. މި ވެހިކަލް ބުރުގައި އޭނާއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ޝަހުދާންއަށް ސަޕޯޓް ހޯދުމުގެ މަގްސަދުގައި ބޭއްވި ވެހިކަލް ބުރުގައި ޝަހުދާންގެ ބައެއް ލަވަތައް ވަނީ ޖަހާފައެވެ. އަދި ޝަހުދާންއަށް ވޯޓު ދިނުމަށްވެސް ވަނީ އެދިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ވެހިކަލް ބުރަށް ފަހު މިއަދު ހެނދުނު ޝަހުދާން އެނބުރި މާލެ ގޮސް އައިޑޮލް ޕްރެކްޓިސްގައި ބައިވެރިވާނެއެވެ.
މޯލްޑިވިއަން އައިޑޮލްގެ ގަދަ 7 އިން އައްޑޫގެ ތިން ބައިވެރިއަކު ވަީ ޖާގަ ހޯދާފައެވެ. އެއީ ޝަހުދާންގެ އިތުރުން ފޭދޫ ޢައިޝަތު އަޒަލް އަލީ ޒާހިރު އާއި މަރަދޫ، އައިޝަތު ސައިނާ މުހައްމަދު ރަޝީދުއެވެ. މި ތިން ބައިވެރިންނަށްވެސް އައްޑޫން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.