އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވާ ހެލިކޮޕްޓަރު އަނބުރާ ދޭން އަންގާފައިވާ ކަމަށް ބުނެ މީޑިޔާގައި އަޑު ފެތުރިފައި ވަނިކޮށް، އިންޑިޔާގެ އެއްވެސް އުޅަނދެއް ބޭނުންނުވާ ކަމަށް ދިވެހި ސަރުކާރުން އަންގާފައިވާ ކަމަށް އަޑު ފެތުރިއްޖެއެވެ.
އިންޑިޔާގެ ޓައިމްސް އޮފް އިންޑިޔާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ހެލިކޮޕްޓަރުގެ ބަދަލުގައި ދޭން އުޅުނު މަތިންދާބޯޓުވެސް ހޯދުމަށް ދެކޮޅު ހަދާފައެވެ.
ހެލިކޮޕްޓަރު ބޭއްވުމުގެ އެއްބަސްވުން މިމަހު ހަމަވާއިރު އަދިވެސް ސަރުކާރުން އެ އެއްބަސްވުން ވެސް އާނުކުރާ ކަމަށާއި ބަދަލުގައި ދޭން އުޅުނު މަތިންދާބޯޓުގެ އެކްސްޗޭންޖް އެއްބަސްވުމުގައި ވެސް ދިވެހި ސަރުކާރުން ސޮއިކުރަން ދެކޮޅު ހަދާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
ހެލިކޮޕްޓަރު ފޮނުވާލަނީ އިންޑިޔާގެ އަސްކަރިއްޔާގެ ޚާއްސަ ތަމްރީނަކަށް ބޭނުންވާތީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ސަރުކާރުން ވަނީ އިންޑިޔާ ސިފައިންނާއި ހެލިކޮޕްޓަރު ރާއްޖޭގައި އޮތުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް މީގެ ކުރިން ސިފަކޮށްފައެވެ. އިންޑިޔާއިން ވަނީ ދާދި ފަހުން ބޭއްވި އަސްކަރީ ތަމްރީނެއްގައި ދިވެހި ސިފައިން ދައުވަތު އެރުވުމުންވެސް ބައިވެރިނުވި ކަން ފާހަގަކޮށްފައެވެ.
ނަމަވެސް ސަރުކާރުން ބުނެފައިވަނީ ބައިވެރިނުވީ އޭރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ކަމަށެވެ.