Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

"އުފާވެރިކަމާ އެކު ދިރިއުޅުމުގެ ފުރުސަތު ލިބެން ޖެހޭ"

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އިން ރައްޔިތުންނަށް ގެނެސްދޭ މެނިފެސްޓޯ ތައްޔާރުކުރަން ފަށާފައިވާ މި ދަނޑިވަޅުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މެނިފެސްޓޯ އާ ގުޅުންހުރި ވަރުގަދަ އޯޑިއޯ މެސެޖެއް ރައްޔިތުންނަށް އިއްވައިފިއެވެ.

ސައުންޑްކްލައުޑް މެދުވެރިކޮށް ނަޝީދު އާންމުކުރި އޯޑިއޯ މެސެޖުގައި އަލިއަޅުވާލާފައި ވަނީ މާލޭގެ މަގުތަކުގައި ފޮށުމުގެ ސަގާފަތު އިތުރުވެފައިވާ މިންވަރަށެވެ. ދިވެހި ޒުވާނުންނަށް، ޚާއްސަކޮށް ކަނބަލުންނަށް މިއަދު މާލޭގެ މަގުތަކަށް ނުނިކުމެވޭ ދަރަޖައަށް ކަންތައް ގޮސްފައިވާކަން ނަޝީދު ފާހަގަކޮށްފައިވެއެވެ.

ފޮށުމާއި، ފުރައްސާރަކުރުން އިންތިހާ ދަރަޖައަށް ގޮސްފައިވާ މިދަނޑިވަޅުގައި ނަޝީދު ވަނީ މަގުތައް އަމާން ކުރުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ، ވަކި ސިޔާސީ ލީޑަރެއްގެ އަމާޒަކަށް ހަދަންވާ ކަމެއް ނޫން ކަމަށާއި، އެއީ ކޮންމެ ލީޑަރަކުވެސް ޚާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައި އޮތް މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

ބުރުގާ އަޅައިގެން އުޅޭ އަންހެން ކުދިންނާއި، ބުރުގާ ނާޅާ އުޅޭ އަންހެން ކުދިން، ތަފާތު ކުރުމެއް ނެތި، އަމާންކަމާއެކު މަގުތަކުގައި ހިނގާ ބިނގާ އުޅެވެން ޖެހޭނެ ކަމަށާއި، ދިވެހި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ފިކުރެއް ކަމަށް ސިފަކޮށް، މަރުކާ ޖެހުމުގެ ބިރުގައި ސިޔާސީ ލީޑަރުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށްވެސް ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ ފަސް އަހަރުކުރިން ނަޝީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އާންމުކުރި މެނިފެސްޓޯގައި "ބިރަކާ ނުލާ މަޖާކުރުމުގެ" ސިޔާސަތަށް އޭރު ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒު ވެގެން ދިޔައެވެ.

ނަޝީދަށް އެންމެ ބޮޑަށް އަމާޒުވެގެން ދިޔަ ފާޑުކިޔުމަކީ، "ބިރަކާ ނުލާ މަޖާކުރުމަކީ" ހުޅަނގުގެ ޣައިރު މުސްލިމުންގެ ސިޔާސަތު ކަމަށް ބުނެ، އެއީ ދިވެހި، އިސްލާމީ އުއްމަތަކަށް "ފިޓު" ސިޔާސަތެއް ނޫން ކަމަށް ބުނެ އާންމުންގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެވެ.

ނަމަވެސް މިއަދު އާންމުކުރި އޯޑިއޯ މެސެޖުގައި ނަޝީދު އަލި އަޅުވާލާފައިވަނީ މިއަދު ދިވެހި ރާއްޖޭގައި، ޚާއްސަކޮށް މާލޭގައި ދިރިއުޅޭ ޒުވާން އަންހެން ކުދިންނަށް ދިމާވާ މައްސަލައަށެވެ. ފޮށުމާއި ފުރައްސާރަ ތަހައްމަލް ނުކުރާ އަންހެނަކު މާލެއިން މިއަދު މަދެވެ. ރިޕޯޓުކުރިޔަސް ހައްލެއް ނުލިބޭތީ އެވާހަކަތައް ނުދައްކާ އަންހެނުން މިއަދު އަޅުގަނޑުމެންގެ މުޖުތަމައު ތެރޭގައި ގިނައެވެ.