ފުލުހުންގެ ޓްރެއިނިން ފުރިހަމަ ކުރަމުން ދިޔަ މީހާ މަރުވެފައިވަނީ ސިކުނޑީގައި އިންފެކްޝަނެއް ހެދިގެން، އިތުރު ފަރުވާއަށް މާލެ ގެންދިޔަ މަގުމަތީގައި ކަމަށް އޭނާ ބެލި ދ. ކުޑަހުވަދޫ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އެ އަތޮޅު ވާނީގައި ޓްރެއިނިން ހަދަމުން ދިޔަ ށ. ކޮމަންޑޫ، އަސަރީގޭ، އަހުމަދު ވިފާޤު، 25، އެމަޖެންސީގައި ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔައީ ޓްރެއިނިންގައި ހުއްޓާ ކުއްލިއަކަށް ހޭނެތިގެން ވެއްޓުމުގެ ސަބަބުންނެވެ.
ހޮސްޕިޓަލުގެ އޮފިޝަލަކާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވިފާގް ހޮސްޕިޓަލަށް ގެންދިޔައިރު ވަރަށް ގަދައަށް ހުން އައިސްފައިވާ ކަމަށާއި އޭނާ ނިޔާވީ ކޯމާއެއްގައި އޮއްވާ ކަމަށެވެ.
އަދި އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ވަގުތުން ހޮސްޕިޓަލުން ކުރި ކަމަށާއި، ވިފާގު ނިޔާވެފައިވަނީ ދަތުރުމަތީގައި، ރޭ 11:30 އެހާކަށްހާއިރު ކަމަށް ކުޑަހުވަދޫ ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.