Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

އަންހެނުންގެ ޑޮކްޓަރުގެ މައްސަލާގައި އެމްޑީޕީން މާދަމާ މުޒާހަރާއަށް!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރުގެ ފަރާތުން މިސިޓީގެ ގިނަ އަންހެން ބޭކަބަލުން ތަކަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާތީ އާއި ކަމާއިބެހޭ ފަރާތަކަށް މި މައްސަލަ ހުށަހެޅި އަޅާނުލައި، ފަރުވާކުޑަކޮށްފައިވާތީ ޑޮކްޓަރު ފޮނުވާލުމަށާއި އޭނާގެ ބަދަލުގައި އެހެން ޑޮކްޓަރަކު ގެންނަންދެން މުޒާހަރާ ކުރަން އެމްޑީޕީ އައްޑޫ ދާއިރާއިން ނިންމައިފިއެވެ.

އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ވިދާޅުވީ މިރޭ ދާއިރާގެ ހިންގާ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މި މައްސަލާއި ގުޅިގެން ބޭއްވުމަށް ފަހު ހާޒިރުވި މެމްބަރުންގެ އިއްތިފާޤުން މާދަމާ މުޒާހަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދުހަމް ވިދާޅުވީ ހޮސްޕިޓަލްގައި ހުރި އަންހެނުންގެ ޑޮކްޓަރުގެ މައްސަލާގައި މިހާތަނަށް ލިބުނު މައުލޫމާތުގައި ހެލްތު މިނިސްޓްރީގެ ކަމާއި ބެހޭފަރާތްތަކުން އިހްމާލުވެފައިވާކަން ހޮސްޕިޓަލުގެ ވެރިންގެ ފަރާތުން އެގޭކަމަށެވެ. އަދި މިމައްސަލާގައި އައްޑޫ ސިޓީ ކައުންސިލުން ހެލްތު މިނިސްޓަރަށް ގުޅަން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައިކަމަށެވެ.

އަދުހަމް ވިދާޅުވީ މާދަމާ މުޒާހަރާ ކުރުމަށް ނިންމާފައިވަނީ މެންދުރު ފަހު 2 ޖަހާއިރެވެ. ނަމަވެސް ހޮސްޕިޓަލް ސަރަހައްދަކީ އަޑުގަދަ ކުރުން މަނާ ސަރަހައްދަކަށް ވާތީ އެތަނުގައި މުޒާހަރާ ކުރާނީ "ހިމޭނުން" ތިބެއެވެ.

"ހޮސްޕިޓަލް ސަރަހައްދަކީ އަދުގަދަކުރުން މަނާ ސަރަހައްދެއް، އެހެންވެ އަޑުގަދަ ނުކޮށް ޕޯސްޓަރާއި ބެނާ ބޭނުންކޮށްގެން މުޒާހަރާ ކުރާނީ" އަދުހަމް ވިދާޅުވިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރުގެ އިހްމާލުން ހާލު ދެރަވި މީހަކު މިއަދު މެންދުރު މާލެ ގެންގޮސް ފަރުވާދެމުން އަންނަ އިރު އަދިވެސް އޭނާގެ ހާލު އެހާ ރަނގަޅު ނޫންކަމަށް ވަނީ މައުލޫމާތުލިބިފައެވެ. އަދި މިހާދިސާ އާއި ގުޅިގެން އޭނާގެ މައްސަލަ މިއަދުވަނީ ވަރަށް ހޫނުވެފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރުގެ މައްސަލާގައި ހެލްތު މިނިސްޓަރަށް "އައްޑޫލައިވް"އިން ގުޅަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައެވެ.