އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަދި ވެސްޓް ހެމް ޔުނައިޓެޑު ބައްދަލުކުރި މެޗުން މޮޅު ނުލިބުމުން ކޮންޓޭގެ ފާޑުކިޔުންތައް ޗެލްސީ ކުޅުންތެރިންނަށް އަމާޒުވެއްޖެއެވެ.
ރޭގެ މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެން ކޮންޓޭ ބުނީ ކުޅުންތެރިން ގާތު އަބަދު އެއް ވާހަކައެއް ދައްކަން ޖެހިފައިވާ ކަމަށާއި، ތަކުރާރުކޮށް ބުނެގެންވެސް ކުރިއެރުމެއް ނުލިބޭ ނަމަ ކޮންމެ މީހަކުވެސް ފޫހިވާނެ ކަމަށެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ޑިފެންޑަރު ސީޒާ އަޒްޕިލެކުއޭޓާ ގޯލު ޖަހައި ލީޑު ނަގައި ދިން ނަމަވެސް އިތުރު ލަނޑެއް ނުޖެހި ތިއްބައި ވެސްޓް ހެމްއިން ވަނީ މެޗުގެ ފަހުކޮޅު ނަތީޖާ އެއްވަރުކޮށްފައެވެ. ބެންޗުން ކުޅެން ނިކުތް ހަނަންޑޭޒް ވެސްޓް ހެމްއަށް ނަތީޖާ އެއްވަރުކޮށްދިން އިރު ޗެލްސީ އަށް ވަނީ ތިން ޕޮއިންޓު ނުލިބުމުން ގަދަ ހަތަރެއް ގާތްގަނޑަކަށް ގެއްލިފައެވެ.
މިދިޔަ ސީޒަނުގައި ލީގު ނެގި ޗެލްސީއަށް މިސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު ޗެލްސީ ސަޕޯޓަރުންގެ ނުރުހުން ކޮންޓޭއަށް އަމާޒުވާން ވަނީ ފަށާފައެވެ. ބައެއް ސަޕޯޓަރުން ކޮންޓޭގެ އިސްތިއުފާއަށް ގޮވަމުން އަންނައިރު އެއްބަޔަކު ގަބޫލުކުރަނީ ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނަ ކަމަށެވެ.
މެޗުން އެއްވަރުވެ ޗެލްސީ ވަނީ ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއާ 10 ޕޮއިންޓު ފަހަތަށް ޖެހިލާފައެވެ. އަދި ހަވަނައިގައި އޮތް އާސެނަލްއާ ޗެލްސީއާ މިހާރު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.